އަދީބުގެ ޝަރީއަތް މިއަދުވެސް ކެންސަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގެ އަޑުއެހުން މިއަދު ވެސް ކެންސަލް ވެއްޖެ އެވެ.

އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިން އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން މިއަދު މެންދުރު 2:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރި އެވެ. އެކަމަކު، އެ އަޑުއެހުން މިއަދު ވަނީ ކެންސަލްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، އެ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ.

ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާގެ އަޑުއެހުމެއް މިދިޔަ އަންގާރަ ދުވަހަށް ތާވަލު ކުރި އެވެ. އެ އަޑުއެހުންވެސް ކެންސަލް ކުރީ އެވެ. އެފަހަރު އެ ޝަރީއަތް ކެންސަލް ކުރީ، އަދީބުގެ ވަކީލުންގެ އެދުމުގެ މަތިންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ ޖުމްލަ ހަތް ދައުވާ އެކެވެ. ޕީޖީއާ އެކު ހަދާފއިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިހާރު އަދީބާ ދެކޮޅަށް ކޮށްފައިވާ ހަތް ދައުވާ އަކީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގަކަށްފަހު ކުރި ދައުވާތަކެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އަދީބުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ކުރި އެެވެ. މި ސަރުކާރުގައި އެ ހުރިހާ ދައުވާތައް އަނބުރާ ފޮނުވާލައި އަލުން ދައުވާ ކުރީ އެވެ.

comment ކޮމެންޓް