15 ދުވަސްތެރޭ އަޖޭގެ "ތަނަޖީ" އަށް 200 ކުރޯޑް

ތަނަޖީގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ކާޖޮލް، އަޖޭ ދޭވްގަން އަދި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު އެ ފިލްމަށް 200 ކުރޯޑުގެ އާމްދަނީއެއް ލިބިއްޖެއެވެ.

ފަނަރަ ދުވަސްތެރޭ އެ ފިލްމަށް 200 ކުރޯޑު ހަމަވިއިރު މި ފިލްމަކީ އަޖޭ އަށް ވަރަށް ހާއްސަވެސް ފިލްމެކެވެ. އެއީ މި ފިލްމަކީ އަޖޭގެ 100 ވަނަ ފިލްމުކަމަށް ވުމުންނެވެ. ފިލްމު ރިލީޒްކުރިތާ ހަ ވަނަ ދުވަހު ފިލްމަށް ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމު އެޅުވިތާ ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ 15 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

ތަނަޖީ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު ކްރިޓީކުން ވެސް އަންނަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ.

މި ފިލްމަކީ ސަތާރަ ވަނަ ގަރުނުގައި އިންޑިއާގައި އުފެދުނު ކުޅަދާނަ ހަނގުރާމަވެރިޔާ ތާނަޖީ މަލުސާރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމު އުފެއްދީ 21 މިލިއަން ޑޮލަރު (150 ކުރޯޑު)ގެ ބަޖެޓަކުންނެވެ.

comment ކޮމެންޓް