ދަރިފުޅަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މީހާގެ މައްސަލަ ބަލަނީ

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މެދުރާއްޖެތެރޭގެ ރަށަކުން ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ބައްޕަ ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ޕޮލިސް މީޑިއާ ގުރޫޕުގައި "ސަން"ގެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކުޑަކުއްޖަކަށް، އެ ކުއްޖާގެ ބައްޕަ ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، ތަރުޖަމާނު ޖަވާބު ދެއްވީ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ކަމަށް އަންހެން ކުއްޖަކު ވަރަށް ތަފްސީލުކޮށް ކިޔައިދޭ އޯޑިއޯއެއް ލީކުވުމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

އެ އޯޑިއޯގައި ވާހަކަދައްކާ ކުއްޖާ ބުނާ ގޮތުން މީހުން ނޫޅޭ ވަގުތުތަކުގައި އެކި ފަހަރު މަތިން އެކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކޮށްފައިވެ އެވެ. އަދި އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ވެސް ބައްޕަ ދީފައިވާ ކަމަށް އޯޑިއޯގައި ބުނެފައިވެ އެވެ.

އެކުއްޖާގެ ބައްޕަކަމަށް ބެލެވޭ މީހަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިލިމާލޭ ރައްޔިތުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ވިލިމާލޭގެ މީހުން ނިކުމެ އެ ފިރިހެން މީހާއަށް އަނިޔާކުރިކަމުގެ އަޑުތަކެއްވެސް ފެތުރުނުއިރު، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ފުލުހުން އޭނާ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ ހަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ފަރުވާދިނުމަށްފަހު ފުލުހުންގެ ލޯންޗަކަށް އޭނާ އަރުވާ ފޮޓޯތަކެއް ވެސް އެރޭ ސޯޝަލް މީޑިއާގައި އާންމުވިއެވެ.

މިފަހުން ރާއްޖޭގެ އެކި ރަށްރަށުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް