އީޔޫއިން ވަކިވުމުގެ އެއްބަސްވުމުގައި ޔޫކޭއިން ސޮއިކޮށްފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބްރެގްޒިޓް އެގްރިމެންތުގައި ސޮއިކުރައްވަނީ

ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމުގައި އެގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ސޮއިކުރައްވައިފިއެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި މި އެއްބަސްވުމުގައި ހުކުރު ދުވަހު އީޔޫގެ އިސްވެރިން ބްރަސެލްސްގައި ސޮއިކުރެއްވުމަށްފަހު އެ އެގްރިމެންޓުގެ ލިޔެކިޔުން ލަންޑަނަށް ފޮނުވިއެވެ. ލަންޑަނުގައި ހުންނަވައި ބޮޑުވަޒީރު ޖޯންސަންވެސް ހުކުރު ދުވަހު ވަނީ ސޮއިކުރައްވާފައެވެ. މިއާއެކު އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމުގެ ކަންކަން އޮތީ އެންމެ ފަހު މަރުހަލާގައެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިންވެސް އެ އެއްބަސްވުމަށް ރުހުން ދީފައިވާ އިރު އެއްބަސްވުމާ ބެހޭ ގާނޫނު އިނިގރޭސި ރާނީ އެލިޒަބެތު ތަސްދީގުކުރެއްވީ މިދިޔަ ހަފްތާ ތެރޭގައެވެ.

އެއްބަސްވުން ތަސްދީގުކޮށް، ވިލާތާއި އިނގިރޭސިވިލާތުން އޭގައި ސޮއިކޮށްފައިވާ އިރު، ވިލާތުގެ އިއްތިހާދުގެ ގާނޫނު ހަދާ މަޖިލީހުން އެ އެއްބަސްވުން ތަންފީޒުކުރުމާ މެދު ގޮތެއް ނިންމުން އޮންނާނީ ޖެނުއަރީ 29 ވާ ބުދަ ދުވަހުއެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް ހަމަޖެހިފައިވަނީ 31 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުއެވެ.

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ވިދާޅުވި ގޮތުގައި މިއީ އެގައުމުގެ ތަރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ވަގުތެކެވެ.

"ދެހާސް ސޯޅަވަނަ އަހަރު އިނގިރޭސި ރައްޔިތުން ބޭނުންވި ގޮތް ހޯދައިދީ، އެތައް އަހަރަކަށް ދެމިގެން ދިޔަ ދެބަސްވުންތަކާއި ބައިބައިވުމަށް ނިމުމެއް ގެނެވޭ ވަގުތުކޮޅެއް މިއީ،" މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ބްރެގްޒިޓާ ގުޅިގެން އެގައުމުގައި ހިނގައިދިޔަ ކަންކަމަށް އަލި އަޅުއްވާލައްވަމުން ބޯރިސް ވިދާޅުވިއެވެ.

"މިހާރު އަހަރެމެންނަށް އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ކުރިއަށް ދެވޭނެ. މި ސަރުކާރުން ބޭނުންވަނީ ރަނގަޅު އާންމު ހިދުމަތްތަކާއި ހުރިހާ ދިމާލަކުންވެސް އެންމެ ރަނގަޅު ނަތީޖާއާއި ފުރުސަތުތައް ނެރެދޭން. ހަމަ އެއާއެކު އީޔޫއާއެކު އާ، ބަދަހި ގުޅުމެއް ގާއިމުކުރުމަށް،" ބޮޑުވަޒީރު ޖޯންސަން ވިދާޅުވިއެވެ.

ދެހާސް ސޯޅަވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ބޮޑުވަޒީރުކަމުގައި އެގައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން އެގައުމުގެ 51.89 އިންސައްތަ ރައްޔިތުން އެދުނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށެވެ.

އެއާއެކު ކެމެރަން ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވިއެވެ. ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ކޮންޒަވޭޓިވް ޕާޓީގެ ތެރީސާ މޭއަށް އީޔޫއިން ވަކިވުމަށްޓަކައި އެތައް ހުށަހެޅުންތަކެއް ޕާލަމެންޓަށް ހުށަހެޅުއްވި ނަމަވެސް އެ މަޖިލީހުން އެކަމަށް ތާއީދެއް ލިބޭ ގޮތެއް ނުވިއެވެ. އެހެންކަމުން މޭ ވެސް 2019 ޖުލައިގައި އިސްތިއުފާދެއްވިއެވެ.

ބޮޑުވަޒީރުކަމަށް ދެން ވަޑައިގެންނެވި ބޮރިސް ޖޯންސަންއަށްވެސް ގާނޫނު ހަދާ މަޖިލީހުން ދަތިތަކާ ކުރިމަތިވަޑައިގެންނެވުމުން އޭނާ ގޮވާލެއްވީ އަވަސް އިންތިހާބަކަށެވެ. ޑިސެމްބަރު 2019 ގައި ބޭއްވި އާންމު އިންތިހާބުން ކޮންޒަވޭޓިވް ޕާޓީއަށް 56.2 ޕަސަންޓު ގޮނޑި ކާމިޔާބުކުރެވުމުން، ޖޯންސަން ހުށަހަޅުއްވާ ބްރެގްޒިޓް ބިލު ފާސްކުރުމަށް ފަސޭހަވެގެން ދިޔައެވެ.

ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ވާ ގޮތުން ޖެނުއަރީ 31 ގައި އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވާ އިރު، އެދުވަހުން ފެށިގެން 11 މަސް ދުވަހުގެ އިންތިގާލީ މަރުހަލާއެއް ފެށޭނެއެވެ. އެ މުއްދަތުގައި އިނގިރޭސިވިލާތަކީ އީޔޫގެ މެމްބަރު ގައުމަކަށް ނުވި ނަމަވެސް އެ ގައުމުން އީޔޫގެ ގަވައިދުތަކަށް އަމަލުކުރާނެއެވެ. މި އިންތިގާލީ މަރުހަލާ ނިމޭނީ 2020 ވަނަ އަހަރު ނިމޭތަނާއެވެ.

އިންތިގާލީ މަރުހަލާގެ ބޭނުމަކީ މުސްތަގުބަލުގައި ޔޫކޭއާއި އީޔޫއާ ދެމެދު އޮންނަ ގުޅުމަކާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. މީގެ ތެރޭގައި ޔޫކޭއާއި އީޔޫއާ ދެމެދު ވިޔަފާރި އެއްބަސްވުމެއް ހެދުންވެސް ހިމެނެއެވެ.

މީގެ އިތުރުން އީޔޫ ވިތުޑްރޯވަލް އެގްރިމެންޓުގައި ޔޫކޭއިން އީޔޫއަށް ދައްކަންޖެހޭ ސެޓްލްމަންޓްތަކާއި، ރައްޔިތުންގެ ހައްގުތަކާއި އަދި އިނގިރޭސިވިލާތުގައި ހިމެނޭ ނޮދަން އަޔަލެންޑަށް ތަންފީޒުކުރާނެ ކަސްޓަމްސް ނިޒާމުތަކުގެ ވާހަކަތައްވެސް ހިމެނެއެވެ.

comment ކޮމެންޓް