މުޒާހަރާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ފަހަކަށް އައިސް ބާއްވަމުންދާ އެއްވުންތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގައި ކުޑަކުދިންނާއި އެނޫންވެސް ޚާއްސަ ރައްކާތެރިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ހައްގަށް އުނިކަންލިބި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތައް ތަކުރާރުވަމުންދާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރު ކުރުމަށް ބާއްވާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ގާނޫނާއި ހިލާފް އަމަލުތައް ހިންގައި ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭ ގޮތައް އަމަލުކުރަމުންދާ ކަން ފާހަގަވެފައިވާ ކަަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލް ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަން ފާހަގަވެފައިވާ ކަން ފުލުހުންގެ ބަޔާނުގައި ވަނީ ފަހަގަކޮށްފަ އެވެ.

"މިފަދަ ފުރުސަތުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ބައެއް މީޑިއާތަކުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ހަބަރު ފެތުރުމާއި އެފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް އަނިޔާކޮށް ގޯނާ ކުރުމަށް ހިތްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާ މެދު ކަންކަން ކުރަން ޖެހޭ ގޮތް ކަމަށް ދެއްކުމަށް މަސައްކަތް ކުރާ ކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮންމެ ފަރުދަކާ މެދު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކޮށް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށާއި، މި ފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް، ކުށް ކުރާ މީހުނާ މެދު ގާނޫނާ އެއް ގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އެންމެން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން އަޑުއުފުލާ މުއައްސަސާތައް ޒިންމާދާރުކުރުމަށް ގޮވާލާ ފަރާތްތަކުން ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަރަކާތްތަކަށް ފުލުހުން އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް