ސިހުރު ހެދުމަށް ބޭނުންކުރާ ފޮތް ތަކެއް ބުރުނިން އަތުލައިގަނެފި

ތ. ބުރުނި: ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކެއް އެ ރަށުގެ އަކުން ވަނީ ފުލުހުން ގެންގޮސްފައި ---

ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތްތަކެއް ތ. ބުރުނީގެ އަކުން ހޯދައި އެތަކެތި ފުލުހުން ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބުރުނީ ގެ އެއްގައި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތާއި އެކަމަށް ބޭނުންކުރާ އެހެން ބައެއް އާލާތްތައް ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދު އެ ރަށުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ގެ ބަލައި ފާސްކުރި އިރު، ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފެނިފައިވާ ކަމަށާއި އެ ފޮތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ދާދި ފަހުން ވަނީ ލ. ގަމުން ވެސް ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކެއް ފުލުހުން އަތުލައިގަނެފަ އެވެ. އެ މައްސަލައިގައި ވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ސިހުރު ހެދުމަށް ބޭނުން ކުރާ ފޮތް އަތުލައިގަނެ އެވެ. އަދި ބައެއް މީހުން ހައްޔަރުކޮށް ދައުވާ ވެސް އުފުލާފައިވެ އެވެ.

ސިހުރުގެ ނުބައިކަން މީހުން މެރުމަށް ވުރެ ބޮޑުކަމަށް ދީނީ އިލްމްވެރިން ބުނެ އެވެ.

ރަސޫލާގެ ހަދީޘެއްގައި އިންސާނުން ހަލާކު ކުރަނިވި ހަތް ކަމެއްގެ ތެރޭގައި އެންމެ ފުރަތަމަ ބަޔާންކުރައްވާފައި ވަނީ ޝިރުކު ކުރުމާއި ސިހުރު ހެދުމެވެ. އެއަށް ފަހު މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ހައްގަކާއި ނުލާ މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ޖިހާދުގެ މައިދާނުގައި ހަނގުރާމައިގެ ވަގުތުގައި ފުރަގަސްދީ ފިލުމާއި، އިއްފަތްތެރި ސޯލިހު މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ.

comment ކޮމެންޓް