ގްރީންސްޓްރީޓްސް ބަލިކޮށް އީގަލްސް އަލުން ދެވަނައަށް

އީގަލްސްއާއި ފޯކައިދޫ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގެ މެޗުތައް ނިމުމަކާ ގާތްވެފައިވާ އިރު މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީންސްޓްރީޓްސް ބަލިކޮށް އީގަލްސް ދެވަނައަށް އަރައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ގްރީންސްޓްރީޓްސް އަތުން އީގަލްސް ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އީގަލްސް ދެވަނައިގައި އޮތީ 19 މެޗު ކުޅެ 39 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާއި މި ސީޒަނުގައި އެންމެ ވާދަވެރި ޓީސީ ސްޕޯޓްސް ކުލަބު ތިންވަނައިގައި އޮތީ 19 މެޗުން ލިބުނު 37 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި 19 މެޗުން 50 ޕޮއިންޓް ހަމަކޮށްފައިވާ މާޒިޔާ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ގްރީންސްޓްރީޓްސް އޮތީ 18 މެޗުން 26 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގަ އެވެ.

ލީގުގައި ބާކީ ދެ މެޗު އޮތް އިރު އެންމެ ވާދަވެރިކަން ބޮޑުވެފައިވާ އީގަލްސްއަށާއި ޓީސީއަށް ކުރިއަށް އޮތް ދެ މެޗަކީ މުހިއްމު ދެމެޗެވެ. ލީގުގެ ދެވަނަ ހޯދުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރަމުން އަންނަ އިރު އީގަލްސް ކުރިއަށް އޮތް ދެ މެޗުގައި ބައްދަލު ކުރާނީ ދަ ގްރާންޑޭއާއި ޗެމްޕިއަން މާޒިޔާއާ އެވެ. ޓީސީ ކުރިއަށް އޮތް ދެ މެޗުގައި ބައްދަލު ކުރަން ޖެހޭނީ މާޒިޔާއާއި ގްރީންސްޓްރީޓްސްއާ ދެކޮޅަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ޖެހިފައި ނުވާ އިރު ދެވަނަ ހާފު ވެގެން ދިޔައީ ގިނަ ގޯލުތަކެއް ފެނުނު ފޯރިގަދަ ހާފަކަށެވެ.

މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ގްރީންސްޓްރީޓްސް އެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނަޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަހުމަދު ރަޝީދު އެވެ. އެކަމަކު އޭގެ ފަސް މިނަޓު ފަހުން އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.

ރިޒޭގެ ގޯލާ އެކު ގްރީންސްޓްރީޓްސްއަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް 59 ވަނަ މިނަޓުގައި އީގަލްސްއަށް ލީޑު ފުޅާ ކޮށްދިނީ ހަސަން ރާއިފް (ހަންނަ) އެވެ. އަދި އޭގެ މިނަޓެއް ފަހުން ޓޮޝިކީ އޮކަމޯޓޯ ގެ ގޯލުން އީގަލްސް ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. އެ ޓީމުގެ ހަތަރުވަނަ ގޯލު 77 މިނަޓުގައި ޖެހީ ރިޒޭ އެވެ.

މެޗު ނިމެން ފަސް މިނަޓަށް ވެފައިވަނިކޮށް ގްރީންސްޓްރީޓަށް ފަރަގު ކުޑަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން މުހައްމަދު މުސްލިހު އެވެ.

comment ކޮމެންޓް