ގޭންގު ރޭޕްގެ މައްސަލަ: 4 މީހުންގެ ބަންދަށް 9 ދުވަސް

ރޭޕާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: 14 އަހަރުގެ ކުއްޖަކު ރޭޕް ކުރުމާއި ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ވަނީ ނުވަ ދުވަސް ޖަހާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެދު ރާއްޖެތެރޭގެ ރަށެއްގައި ތިން ފިރިހެނަކު ވެގެން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ނުވަ ދުވަސް ޖަހައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އެވެ. މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ ޖެހިގެން އައި ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ އިއްޔެ އެވެ. ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި 18 އަހަރުގެ މީހަކެވެ.

އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އެ އަތޮޅުގެ ވެރިކަން ކުރާ ރަށު ކޯޓަށް ގެންދިއުމުން ނުވަ ދުވަސް ޖަހައިދީފައިވާ ކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ ތިން މީހެކެވެ. ދެން ހައްޔަރު ކުރި މީހަކީ އެކުއްޖާއަށް ގުޅައި އެ ރަށުގެ ގެސްޓްހައުސަށް ކުއްޖާ ގަނައި މީހާ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެއްޖެނަމަ، 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ލިބުން އަވަސް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެފަދަ ކަންކަމަށް ސަރުކާރުގެ އޮތީ، "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް ކަމަށެވެ.

comment ކޮމެންޓް