ރަށު މީހަކަށް ނުވެ ދިވެހި ރައްޔިތަކަށް ވިއްޔާ މާ ބުއްދިވެރިވާނެ: ނަޝީދު

އެމްޑީޕީއިން ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުގެ މެނިފެސްޓޯ ހެދުމަށް މިއަދު ފެށި ވޯކްޝޮޕުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީއިން މަސައްކަތް ކުރައްވަނީ ރާއްޖޭގައި ގަބީލާވަންތަކަމުގެ ސަގާފަތްތައް ނައްތާލަން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުގެ މެނިފެސްޓޯ ހެދުމަށް މިއަދު ފެށި ވޯކްޝޮޕުގައި، އަވަށު ބޯޑުތައް ކައުންސިލުތަކުގެ ދަށަށް ގެނައުމާ ގުޅޭ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލީ ނިޒާރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އަވަށު ބޯޑުތައް ގަވައިދެއްގެ ތެރެއިން ގެނެވިދާނެ ކަމަށެވެ.

އަވަށްތަކާ ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލޭގައިވެސް އަވަށުގެ މައްސަލަ އެބަ އޮތް ކަމަށެވެ. އެގޮތުން ގަލޮޅަށް ހެންވޭރު ވަދެ، މައްޗަންގޮޅި ވަދެ "ގަޑުބަޑު"ވެފައިވާ ވާހަކަ ބައެއް މީހުން ދައްކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއަކީ ގަބީލާ ވަންތަކަމުން އަރައިގަންނަން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެހެންނަމަވެސް، އެކަމުން އަރައިނުގަނެވި އަދިވެސް ދުވަސްތަނެއް ނަގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަކީ އެކަމުން ރާއްޖެ އަރައިގަނޭތޯ އުޅޭ ބައެއް. މި ގަބީލާ ވަންތަކަމުން. މި ރަށްރަށާއި، އަވަށް އަވަށާއި، މިކަންކަމުގެ ވާހަކަ ދެއްކުން ހުއްޓާލާތޯ އުޅޭ ބައެއް އަޅުގަނޑުމެންނަކީ. އެހެންނަމަވެސް، ދުވަސްތަކެއް ނަގަނީ،" ނަޝީދު ވިދާޅުވިއެވެ.

މިހާރު ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީއިން ވަކިވާން ޕެޓިޝަން ހުށަހަޅާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެއީ ދެތިން މީހުން ހުށަހެޅި ޕެޓިޝަނެއް ކަމަށާއި ކޮންމެ މީހަކަށްވެސް ޕެޓިޝަނެއް ހުށަހެޅިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކަ އަކީ އަވަށް ވީހާވެސް ބޮޑަށް، ރަށް ވީހާވެސް ބޮޑަށް، ރަށުގެ މީހަކަށް ނުވެ އައްޑޫ ސިޓީ މީހަކަށްވެވި، ދިވެހި ރައްޔިތަކަށް ވިއްޔާ މާ ބުއްދިވެރި ވާނެ މި އަވަށު ބޯޑުތަކުގެ ބަދަލުގައި،" ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީއިން މީދޫ އާއި ހުޅުދޫ ވަކިކޮށްދޭން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށާއި، ރައްޔިތުންގެ މަޖިލީހަށްވެސް ބަޔަކު ވަނީ ޕެޓިޝަން ހުށަހަޅައިފައެވެ. އެކަމަށް އެ މީހުން އެދުނީ، އައްޑޫ ސިޓީގެ ތެރޭގައި ހުޅުމީދޫ އޮތުމުން، ލާމަރުކަޒީ ނިޒާމުގެ ދަށުން ލިބެން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމައަށް އެ ދެ ރަށަށް ނުލިބޭ ކަމަށް ބުނެއެވެ.

comment ކޮމެންޓް