މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ރެކޯޑްތައް މުގުރަމުން އަންނަ ލިވަޕޫލްއަށް ހުރިހާ މެޗަކުން މޮޅު ވުމަކީ ނުވެދާނެ ކަމެއް ކަމަށް އެ ޓީމުގެ ޑިފެންޑަރު ވާގިލް ވެންޑައިކް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލެވުނު ހަމައެކަނި ޓީމަކީ އާސެނަލްވެ. އާސެން ވެންގާގެ ކޯޗުކަމުގައި އާސެނަލުން އެ ޓީމުގެ "ރަން ދައުރު"ގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލީ 2003-2004 ވަނަ ސީޒަނުގަ އެވެ. އެ ޓީމުން އެފަހަރުގެ ލީގުގެ 38 މެޗާ އެކު ޖުމުލަ 49 މެޗު ބަލިނުވެ ހިފަހައްޓާލި އެވެ.
ދިގު 30 އަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފައިވާ އިރު އެ ޓީމުން މިފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުގެ ތެރެއިން 22 މެޗުން ވަނީ މޮޅުވެފަ އެވެ. ބާކީ މެޗުން އެއްވަރުވި އިރު ލީގުގައި 16 ޕޮއިންޓްގެ ލީޑެއް ވަނީ ނަގައިފަ އެވެ. އަދި ކުރީ ސީޒަނުގެ މެޗުތަކާއި ލައިގެން އެ ޓީމުން ވަނީ މިހާތަނަށް 40 މެޗު ބަލިނުވެ ކުޅެފަ އެވެ.
އެކަމަކު މި ސީޒަނުގައި ބާކީ އޮތްބައިގައި ހުރިހާ މެޗުން މޮޅުވުމަކީ ނުވެދާނެ ކަމެއް ކަމަށް ޓީމުގެ މައި ތަނބު ކަމުގައިވާ ވެންޑައިކް ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ދުނިޔޭގެ ދެވަނައަށް މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ވެންޑައިކް މުގުލުގައި ހުރެ، ލިވަޕޫލުން ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު ގިނަ ބަޔަކު އެންމެ ބޮޑު ތައުރީފެއް ކުރަނީ އެ ޓީމުގެ ޑިފެންސަށެވެ.
"ހުރިހާ މެޗަކުން މޮޅުވާނެ ކަމަށް ގަބޫލެއް ނުކުރަން. އެކަހަލަ ވިސްނުމެއް ވެސް ނެތް. ފުޓުބޯޅައަކީ އެއަށްވުރެން ތަފާތު އެއްޗެއް. ކޮންމެ ގޮތަކަށް ވެސް ކަން ހިނގާފާނެ،" ވެންޑައިކް ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހު މެޗުގައި ވުލްވްސް އަތުން ވެސް މޮޅުވެވުނީ އުނދަގުލުން ކަމަށެވެ. އެ މެޗުގައި ވެސް ގޯހުން ގޯހަށް ކަންކަން ގޮސްދާނެ އެތައް ހާލަތެއް ކުރިމަތިވި ކަމަށް ވެންޑައިކް ބުންޏެވެ.
"އެ މެޗުގައި އެ ޓީމަށް [ވުލްވްސް] ވެސް ދެވަނަ ގޯލެއް ޖަހައި އަހަރުމެން ބަލިކޮށްލަން ފުރުސަތު ލިބުނު. ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް. މިހާ ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުން،"
ލިވަޕޫލުން ލީގު ހޯދުމާ ގާތަށް ޖެހިލައިފައި ވާ އިރު މިދިޔަ ސީޒަނުގައި ވެސް އެ ޓީމުގެ އަތް ދަށުން ސިޓީ ލީގު ހޯދީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ސިޓީ މި ސީޒަނުގައި ލީގު ހޯދުމުގެ ވިސްނުން ދޫކޮށްލައިފައި ވާ އިރު އެ ޓީމުގެ އަމާޒަކީ ޗެމްޕިއަންސް ލީގު ހޯދުމެވެ.