ލީކުވި ފޯނުކޯލެއްގެ މައްސަލައިގައި ލަންކާ ނޫސްވެރިޔާ އައްޒާމް އަމީން ބީބީސީން ވަކިކޮށްފި

ބީބީސީގައި މަސައްކަތް ކުރާތާ 11 އަހަރުވެފައިވާ އައްޒާމް އަމީން ވަނީ މަގާމުން ވަކިކޮށްފަ -- ފޮޓޯ: ކޮލަމްބޯ ޓެލެގްރާފް

ކޮލަމްބޯ (ޖެނުއަރީ 25): ސްރީލަންކާގެ ސިޔާސީ ބޭފުޅަކާ ފޯނުން ދެއްކި ވާހަކައެއްގެ ރިކޯޑިންގް ލީކުވެ ފާޑުކިޔުން އަމާޒުވި އެ ގައުމުގެ މަޝްހޫރު ނޫސްވެރިޔާ އައްޒާމް އަމީން ބީބީސީއިން ވަކިކޮށްފިއެވެ.

ބީބީސީ ސިންހަލަ ސާވިސްގައި މަސައްކަތްކުރަމުން އައި އައްޒާމް ވަކިކުރީ، ކޮލޮމްބޯ ޓެލެގްރާފް ނޫހުގައި ވާ ގޮތުން، އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ މަޖިލިސް މެމްބަރު ރަންޖަން ރާމަނަޔަކައާ ދެމެދު ހިނގި ފޯނުކޯލެއްގެ ރިކޯޑިންގް ލީކުވުމާ ގުޅިގެންނެވެ.

އެ ފޯނުކޯލުގައި އަމީން ވަނީ، ނޮވެމްބަރު މަހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޔޫއެންޕީގެ ސަޖިތު ޕްރޭމަދާސައާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރާނެ ގޮތާ ބެހޭގޮތުން އެ ފޯނުކޯލުގައި ރާމަނަޔަކައަށް އަމީން ލަފާވެސް ދިންކަމަށް ލަންކާގެ ނޫސްތަކުން ރިިޕޯޓުކުރެއެވެ.

އެ ފޯނުކޯލާ ގުޅިގެން ބީބީސީގެ ވަޒީފާއިން ވަކިވުމަށް އަމީންއަށް އެކުންފުނިން އެންގިކަމަށް ކޮލޮމްބޯ ގެޒެޓު ނޫހުން ރިޕޯޓުކުރިއެވެ. އަދި އެފަދައިން އެންގީ އެ މައްސަލައިގައި އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ފުރުސަތު ނުދީ، އަދި މައްސަލަ ތަހުގީގުވެސް ނުކޮށް ކަމަށް އެ ނޫހުން ބުނެއެވެ.

އައްޒާމް އަމީން ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާކުރި ކުރު ބަޔާނެއްގައި ބުނި ގޮތުން ނޫސްވެރިއެއްގެ ހައިސިއްޔަތުން ހުރިހާ ޕާޓީއެއްގެވެސް އިސް މެމްބަރުންނާ އޭނާ ގުޅުން ބާއްވާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެންމެ ފަހުގެ ހަބަރުތަކާ ބެހޭގޮތުން މަޝްވަރާކުރާ ކަމަށެވެ. އަދި ގާތް ގުޅުން ބޭއްވި ނަމަވެސް އަމިއްލަ ނަޒާހާތްތެރިކަން ރައްކާތެރިކުރާ ކަމަށާއި، ގުޅުންތަކުގެ އަސަރު އޭނާގެ މަސައްކަތަށް ނުފޯރާނެކަމަށް އޭނާ ބުންޏެވެ.

ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ރާމަނަޔަކައަކީވެސް އޭނާ ގުޅުން ބަދަހިކޮށްފައިވާ އެތައް ސަތޭކަ ސިޔާސީ މީހުންގެ ތެރެއިން މީހެއް ކަމަށާއި ނަމަވެސް ރާމަނަޔަކަގެ ސިޔާސީ އިންޓަވިއުއެއް 2015 ވަނަ އަހަރުގެ ފަހުން އޭނާ ނަގާފައި ނުވާނެކަމަށްވެސް އައްޒާމް ބުންޏެވެ.

ބީބީސީގައި މަސައްކަތްކުރާތާ 11 އަހަރު ވެފައިވާ، އަދި ސްރީލަންކާގެ ޚަބަރުތައް ބޭރު ދުނިޔެއަށް ފޯރުކޮށްދޭ އެންމެ އިތުބާރުހުރި އެއް މަސްދަރު ކަމުގައި ގިނަ ބަޔަކު ބަލައިގަންނަ އައްޒާމްއާ މެމްބަރު ރާމަނަޔަކަގެ ފޯނުކޯލު ރިކޯޑިންއަކީ މި ފަހުން މެމްބަރު ރާމަނަޔަކަގެ އެތައް ހާސް ރިކޯޑިންއެއް ހިމެނޭ ލީކުގެ ތެރެއިން އެއް ރިކޯޑިންއެވެ. އިތުރު ކޯލުތަކުގެ ތެރޭގައި ރާމަނަޔަކަ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ފުލުހުންނާއި ސަރުކާރުގެ އޮފިޝަލުންނާ ދެއްކި ވާހަކަތައްވެސް ހިމެނެއެވެ.

އެ ވާހަކަތަކާ ގުޅިގެން ރަމަނަޔަަކައިގެ މައްޗަށް ވަނީ ކުރީގެ ސަރުކާރުގައި ޖުޑިޝަރީގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފަ އެވެ. އަދި އަންނަ ބުދަ ދުވަހާ ޖެހެންދެން އޭނާގެ މައްޗަށް ވަނީ މުއްދަތު ޖަހާފަ އެވެ.

comment ކޮމެންޓް