އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބްގެ ހިދުމަތް ފަށައިފި

އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ރ. އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް އިއްޔެ ފަށައިފިއެވެ. އެރަށުގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހެލްތު މިނިސްޓްރީން ބުނީ އިންނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ފެށުމަށް ބޭނުންވާ މެޝިންތަކާއި، ޓެސްޓުތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޖެނުއަރީ 18 ވަނަ ދުވަހު ގާއިމުކުރެވިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 876 މީހުންގެ އާބާދީއެއް އޮންނަ އިންނަމާދޫ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ހިދުމަތް ހޯދަމުން ދިޔައީ، 20 މިނެޓާއި އެއް ގަޑިއިރާ ދެމެދުގެ ކަނޑު ދަތުރެއް ކުރުމަށްފަހު އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.

އެހެންކަމުން އިންނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިންނަމާދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވާއިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ ހަތަރު ކުދިން ދިރިއުޅޭ ރަށަކަށް ވާއިރު ރަށުގައި ލެބޯޓަރީގެ ހިދުމަތް ތައާރަފުވެގެން ދިއުމަކީ އެކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންނަމާދޫ ސިއްހީ މަރުކަޒުގައި ގާއިމުކުރި ލެބޯޓަރީގެ އިމާރާތަކީ އިންނަމާދޫ ކައުންސިލްގެ ފަރާތުން ކުންފުނިތަކާއި ގުޅިގެން އިމާރާތްކޮށްފައިވާ ތަނެކެވެ. އެތަނުން ޒަމާނީ މެޝިނަރީސް ބޭނުންކޮށްގެން ޓެސްޓްތައް ހެދޭނެއެވެ.

ރ. އަތޮޅުގައި މިހާރު ލެބޯޓަރީގެ ހިދުމަތް ލިބޭ ރަށްރަށަކީ އުނގޫފާރު، އަލިފުށި، ދުވާފަރު، ހުޅުދުއްފާރު، އިނގުރައިދޫ، މަޑުއްވަރި، މީދޫ އަދި ރަސްގެތީމެވެ.

comment ކޮމެންޓް