ގޭންގް ރޭޕް މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި މިއަދު 21 އަހަރުގެ މީހަކާއި، 19 އަހަރުގެ ދެ މީހުންނާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި ގްރޫޕަކުން 18 އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ރޭގައެވެ.

ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެއްޖެނަމަ، 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ލިބުން އަވަސް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެފަދަ ކަންކަމަށް ސަރުކާރުގެ އޮތީ، "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް ކަމަށެވެ.

comment ކޮމެންޓް