ހަނގުރާމައިގެ ތެރޭ ގެއްލުނު މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ: ލަންކާ

ލަންކާގެ ރައީސްގެ އޮފީހުން ވަނީ ދާހިލީ ހަނގުރާމައިގެ ތެރޭ ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އަލްޖަޒީރާ

ކޮލަމްބޯ (ޖެނުއަރީ 24): ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ތެރޭ ގެއްލުނު މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އޮފީހުން އިއުލާންކޮށްފި އެވެ.

ރައީސް އޮފީހުން އެފަދައިން ބުނީ، 26 އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގެ ތެރޭ ގެއްލިފައިވާ މީހުން މަރުވެފައިވާ ކަމަށް ރަސްމީކޮށް ކަނޑައަޅާ، އެމީހުންގެ މަރު ސެޓްފިކެޓު އާއިލާތަކާ ހަވާލު ކުރާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް ގޯޓާބަޔަ ވިދާޅުވި ފަހުންނެވެ. އެއީ ހަނގުރާމައާ ގުޅިގެން ގެއްލިފައިވާ 23،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަންކާގެ ސަރުކާރުން ބުނި ފުރަތަމަ ފަހަރެވެ.

ގޯޓާބަޔާ އެފަދައިން ވިދާޅުވުމާ ގުޅިގެން، ހަނގުރާމައިގެ ތެރޭ ގެއްލިފައިވާ މީހުންގެ އާއިލާތަކުން ވަނީ ސަރުކާރުން އެ މީހުންނަށްވީ ގޮތެއް ނުބަލާ، އެ މައްސަލަތައް ބެލުން ހުއްޓާލާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ ސަބަބުން މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ގެއްލިފައިވާ މީހުންގެ މަރު ސެޓްފިކެޓުތައް ހަވާލު ކުރާނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.

"[ގެއްލިފައިވާ މީހުންނާ ގުޅުން ހުރި] ތަހުގީގުތައް ކުރިއަށްގެންދިޔުމަށް ފަހު، އެމީހުންގެ މަރު ސެޓްފިކެޓު އާއިލާއާ ހަވާލުކޮށް، އެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ދެހާސްނުވަ ވަނަ އަހަރު ނިމުނު ލަންކާ ހަނގުރާމައިގެ ތެރޭ ގެއްލުނު މީހުން މަރުވެފައިވާ ކަމަށް ގޯޓާބަޔަ ވިދާޅުވީ ކޮލަމްބޯގައި ހުންނަވާ އދ.ގެ ރެޒިޑެންޓު ކޯޑިނޭޓަރާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ. އެބައްދަލުވުމުގައި ރައީސް ވަނީ ހަނގުރާމައިގެ ތެރޭ ގެއްލިފައިވާ މީހުންނަކީ އެލްޓީޓީއީން ވަގަށް ނަގާ، ހަނގުރާމައިގައި ބައިވެރިވާން މަޖުބޫރު ކުރުވި މީހުން ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ހަނގުރާމަ ނިމުމަކަށް އައީ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ. އޭރު ގޯޓާބަޔަ ހުންނެވީ ގައުމުގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގަ އެވެ.

އދއިން ލަފާ ކުރާ ގޮތުގައި އެ ހަނގުރާމައިގެ ފަހުކޮޅު ލަންކާ ސިފައިން ވަނީ 40،000 ތަމަޅަ ރައްޔިތުން މަރާފަ އެވެ. އަދި އެ ހަނގުރާމައިގެ ތެރޭ ދެ ފަރާތުން ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށް ގޮވާލާ އދއިން ނެރުނު ގަރާރަކަށް ތަބާވާން 2015 ވަނަ އަހަރު ލަންކާގެ އޭރުގެ ސަރުކާރުން އެއްބަސްވި އެވެ.

ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ރައީސް ކަމަށް އިންތިހާބުވި ގޯޓާބަޔަ ވަނީ އޭނާގެ ވެރިކަމުގައި، ހަނގުރާމައިގެ ތެރޭ ހިނގާދިޔަ ޖަރީމާތައް ތަހުގީގުކުރަން އދއާއެކު ހެދި އެއްބަސްވުމަށް އަމަލު ނުކުރާނެކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް