ކޯކު ބޮއެގެން ޔޫރޯ ބަލާލަން ދިއުމަށް ރަނުގެ ފުރުސަތެއް

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތާއެކު ކޮކާ ކޯލާ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮކާ ކޯލާއިން އިންތިޒާމުކޮށްގެން އެފްއޭއެމްއާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން މިއަދު ކުޅުނު ލެޖެންޑް ކަޕުގެ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ލޯންޗް ކުރީ ކޮކާ ކޯލާ ކުންފުނީގެ ސަރަހައްދީ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ އެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދު ހަވީރު އެފްއޭއެމް ޓާފުގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި މިލިންޑްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އަދި މިއަދުގެ މެޗުގައި ވާދަކުރާ ލެޖެންޑް ދެ ޓީމުގެ ކެޕްޓަނުން ކަމަށްވާ އައްސަދު އަބްދުލް ޣަނީއާއި އިސްމާއިލް އަނިލްގެ އިތުރުން މޯލްޑިވްސް ސޮކާ މޭޓްސްގެ ރައީސް ހަސަން މަނިކް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ކޮކާ ކޯލާއިން ފެށި ޕްރޮމޯޝަނާ އެކު ޔޫރަފު ގައުމުތަކުގެ މެދުގައި ހަތަރު އަހަރުން އެއް އަހަރު ކުޅެވޭ ޔޫރޯގެ މެޗެއް ބަލާލުމުގެ ފުރުސަތު 10 ފަރާތަކަށް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

"ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ،" ކޮކާ ކޯލާގެ ސަރަހައްދީ މެނޭޖަރު މިލިންޑް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަސީބުވެރި 10 ފަރާތަކަށް ބައިވެރިއެއް ގޮވައިގެން ބަލާލަން ދާން ފުރުސަތު ދޭނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ކަމަށާއި އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި ކަމަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި ނަސީބްވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

ކޮކާ ކޯލާއިން ވަނީ މީގެ ކުރިން ޔޫރޯ މުބާރާތަކާއި ވޯލްޑް ކަޕު މުބާރާތުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތްތަކަކަށް ދީފަ އެވެ. އަދި އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ އޮފިޝަލް ޓްރޮފީ ވެސް ރާއްޖެ ގެނެސް ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ.

comment ކޮމެންޓް