ދިޔަވަރު ބޮޑުވާ ވަގުތު އުދަ އަރާފާނެ، ސަމާލުވޭ

ކަނޑު ގަދަ ދުވަހެއްގައި ހުޅުމާލޭގެ ފެރީއެއް ދަތުރުކުރަނީ --

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުންވެސް އެކަށީގެންވާތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޯލިޖިކަލް ސާވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މެދުރާއްޖޭއާއި ދެކުނު ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރު މިނުގައެވެ. އަދި އެހެން ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ މެޓުން ބުނެފައެވެ.

މެޓު އޮފީހުން ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އަދި ރާޅުތަކުގެ އުސްމިިން ތިން ފޫޓާއި ހަތްފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް