މަދީހާގެ ކެންޑިޑަސީ ބާތިލުކުރަން ނިންމައިފި

މަދީހާގެ ކެންޑިޑެސީ ފޯމް ހަވާލު ކުރަނީ -- ފޮޓޯ/ އެމްޑީޕީ

ގއ. ކަނޑުހުޅުދޫ ކައުންސިލު މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ މަދީހާ އަބްދުﷲ ކެންޑިޑަސީ ބާތިލުކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.

މަދީހާގެ ކެންޑިޑަސީ ބާތިލް ކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ އެ ކޮމިޓީގެ މެންބަރަކު "ސަން"އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މަދީހާގެ ކެންޑިޑަސީ ބާތިލުކުރަން އެ ކޮމިޓީން ނިންމާފައި މިވަނީ، ދާދި ފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަގެ ދިފާއުގައި މަދީހާ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އެ ކުއްޖާގެ ކާފަ ކަމުގައިވާ އެ ރަށު މިސްކިތު މުދިމު އިބްރާހިމް ދީދީއަކީ މަދީހާގެ ބޭބެ އެކެވެ.

ތުއްތު ކުއްޖާގެ ރޭޕާއި ގުޅިގެން "ސަން"އިން އެ ރަށަށް ކުރި ދަތުރުގައި ދިން އިންޓަވިއުއެއްގައި، މަދީހާ ވަނީ ކުރަމުންދާ ތުހުމަތުތަކުން އޭނާގެ ބޭބެ ވަރަށް ބޮޑަށް ދިފާއުކޮށް ވާހަކަ ދައްކައިފައެވެ.

އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީ އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފައިލް ފޮޓޯ/ އެމްޑިޕީ

އެގޮތުން ކާފަ ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ފެތުރީ ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކަމަށާއި އެ މައްސަލަ ހޫނުކުރީ އެ އާއިލާ އާއި މީޑިއާއިން ކަމަށް މަދީހާ ބުނެފައިވެ އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެ އާއިލާއިން މައުލޫމާތު ފެތުރި މީހަކަށް ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ތިން ފިރިހެނުން ވެގެން ކުޑަކުއްޖާ ރޭޕްކުރި ނަމަ އެކުއްޖާ އެހާ "ހެޕީކޮށް" ދުވެ ނޫޅޭނެ ކަމަށެވެ.

"އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،" މަދީހާ ބުންޏެވެ. "އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ،"

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާކަމުގެ ރެކޯޑު މީގެ ކުރިންވެސް އޮތް، އެ ކުއްޖާގެ މުނިކާފަވެސް ދިފާއުކޮށް މަދީހާ ވާހަކަދެއްކި އެވެ.

މަދީހާގެ މި އިންޓަވިއު "ސަން"އިން ޝާއިއުކުރި ފަހުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމްޑީޕީ ޓެގުކޮށް، ޕްރައިމަރީގައި ވާދަކުރުމަށް އޭނާއަށް ދީފައިވާ ކެންޑިޑަސީ ބާތިލުކުރުމަށް ގޮވާލަމުންނެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ އެވެ.

comment ކޮމެންޓް