ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސައިފި

ދަރަވަންދޫއަށް މޯލްޑިވިއަންގެ 30،000 ވަނަ ފްލައިޓު ބޭއްވި ބޯޓު --- ފޮޓޯ/ މޯލްޑިވިއަން

ބ. އަތޮޅު ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު މިއަދު ޖައްސައިފި އެވެ.

މިހާރު އެންމެ ބިޒީ އެއް އެއާޕޯޓު ކަމަށްވާ ދަރަވަންދޫ އެއާޕޯޓަށް 30،000 ވަނަ ފްލައިޓު ޖައްސާފައިވަނީ މިއަދު 11:05 ގައެވެ.

ފަތުރުވެރިކަން މަގުބޫލު ބ. އަތޮޅުގެ އެއާޕޯޓު ކަމަށްވާ ދަރަވަންދޫ އެއާޕޯޓަށް ތިން އެއާލައިނަކުން ދަތުރުކުރެއެވެ. އެއީ މޯލްޑިވިއަން އާއި ފްލައިމީ އަދި މަންޓާ އެއާއެވެ.

އައިލެންޑް އޭވިއޭޝަންސް ސާވިސް (އޭއައިއެސް)އިން އޮޕަރޭޓް ކުރާ އެއާޕޯޓެކެވެ. އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ރާއްޖޭގައި ވައިގެ ދަތުރުތަކުގެ ހިދުމަތް ފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގައި 13 އެއާޕޯޓެއް އޮޕަރޭޓުކުރެއެވެ. އޭގެތެރޭގައި ހަތަރު އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

މިހާރު މަސައްކަތްކުރަމުން ދަނީ ށ. ފުނަދޫގައި ހަދާ އެއާޕޯޓު ހުޅުވުމުގެ މަސައްކަތެވެ. އެގޮތުން ފުނަދޫ އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓު މިއަދު ޖެއްސިއިރު، އަންނަ މަހުން ފެށިގެން ދަތުރުތައް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް