ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން (ވ) އަދި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި ބުނާ ގޮތުން ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ. ހެލްތު މިނިސްޓްރީގައި މިހާރު ހުންނެވި ޕާމަނަންޓް ސެކްރެޓަރީ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެ މަގާމަށް އައްޔަނުކޮށްފައިވަނީ 25 ފެބްރުއަރީ 2015 ގައި ކަމުން، އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހަށް ފަސް އަހަރުގެ މުއްދަތު ހަމަވާނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ޖެނުއަރީ 22 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެކަމަށް ކުރިމަތިލާން ފުރުސަތު އޮންނާނެ ކަމަށެވެ.

މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މި މަގާމަށް މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެ އެވެ.

ޝަރުތު ހަމަވާ ފަރާތްތައް އިމްތިހާނު ކުރުމާއި، އިންޓަވިއު ކުރުމާއި އެފަރާތްތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުން، ފެބްރުއަރީ ނުވަޔަކާ 25 އާ ދެމެދު، މާލޭގައި އޮންނާނެކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.

ސިވިލް ސާވިސް ގާނޫނަށް 2016 ވަނަ އަހަރު ގެނައި ހަތަރުވަނަ އިސްލާހުގައި ބުނެފައިވަނީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން މީހަކު އައްޔަނުކުރާނީ އެ މިނިސްޓްރީއެއް ހިންގަވާ ވަޒީރުގެ ލަފަޔާ އެކުގައި ކަމަށެވެ.

ސިވިލް ސާވިސް ގާނޫނު ބުނާ ގޮތުން ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ ވަޒީރުގެ ދަށުން، ވަޒީރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ ހިންގައި ބަލަހައްޓުމެވެ. އަދި އެ ވަޒީރު ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީގެ މަސައްކަތަކާ ގުޅޭގޮތުން ވަޒީރަށް ލަފާދީ އެހީތެރިވެދިނުމެވެ.

comment ކޮމެންޓް