ފުނަދޫ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި

ފުނަދޫ އެއާޕޯޓް އަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި --- ފޮޓޯ : ޓްރާންސްޕޯޓް މިނިސްޓްރީ

ށ. ފުނަދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ފުނަދޫއަށް އެންމެ ފުރަތަމަ ޓެސްޓު ފްލައިޓު ޖައްސާފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.

ފުރަތަމަ ފްލައިޓުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުން ފުނަދޫއަށް ވަޑައިގެންނެވިއެވެ.

ފުނަދޫއަށް ކުރި ފުރަތަމަ ޓެސްޓު ފްލައިޓު އެރަށަށް ޖެއްސީ މިއަދު ހެނދުނު 08:10 ހާއިރުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މިއަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ދަތުރުތައް ފަށާއިރު ހަފްތާއަކު ތިން ފްލައިޓު ދަތުރު ކުރާނެ ކަމަށާއި މާޗު މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓު ޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ށ. ފުނަދޫ -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ށ. ފުނަދޫގައި ގާއިމުކުރި އެއާޕޯޓުގައި ހުންނަނީ 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

ފުނަދޫ އެއާޕޯޓަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި މިދިޔަ ޑިސެމްބަރު އެއްވަނަ ދުވަހު ވަނީ ދަތުރުތައް ފަށައިފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ މިއަހަރު ތެރޭގައި ހަތަރު އެެއާޕޯޓެއް ހުޅުވާނެ ކަމަށެވެ. އެއީ ފުނަދޫ އެއާޕޯޓުގެ އިތުރުން ޅ. މަޑިވަރު އެއާޕޯޓައި، ގދ. މާވާރުލު އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި އެއާޕޯޓެވެ.

comment ކޮމެންޓް