ދެ މަސް ތެރޭ ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތައް ނިންމަން ހައިކޯޓުން އަމާޒުހިފައިފި

ހައިކޯޓު --- ސަން ފޮޓޯ

ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް އަންނަ މާޗު މަހުގެ ނިޔަލަށް ނިންމަން އެ ކޯޓުން އަމާޒު ހިފައިފިއެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައިކޯޓުގައި، މިވަގުތު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިއުނާފުކުރެވިފައި އެބަ އޮތް ކަމަށެވެ.

އޭގެ ތެރެއިން އަށް މައްސަލައަކީ އެ ކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލަތައް ކަމަށް ހައިކޯޓުން ބުންޏެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލައިގެ ތެރެއިން 27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތަކެވެ.

"ދެންނެވުނު 40 މައްސަލަ، އަންނަ މާރިޗު މަހުގެ ނިޔަލަށް ހުކުމްކޮށް ނިންމުމަށް ޓާގެޓެއް ކަނޑައަޅައި، އެ ޓާގެޓަށް މަސައްކަތް ކުރަން ހައިކޯޓުންވަނީ ފަށާފައެވެ،" ހައިކޯޓުން ބުނެފައިވެއެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ނިންމަން ހައިކޯޓުން އަމާޒު ހިފި އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ބަލައި ނިންމޭނެގޮތަކަށް ޝަރީއަތްތައް ގަވާއިދުން ކުރިއަށް ގެންދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުރިހާ ކޯޓުތަކަށް މިއަދު ވަނީ އަންގައިފައެވެ.

comment ކޮމެންޓް