ވޮޑަމުލާ ރިސޯޓުން ބިދޭސީންތަކެއް ހާލުގައި ޖައްސާ ދާންދޫއަށް ދޫކޮށްލައިފި

ވޮޑަމުލާއިން ދާންދޫއަށް ދޫކޮށްލި ބިދޭސީން ---

ގއ. ވޮޑަމުލާގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް އެ އަތޮޅު ދާންދޫއަށް ދޫކޮށްލައި، ހާލުގައި ޖައްސާފައިވާކަމަށް އެމީހުން ބުނެފިއެވެ.

ދާންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، މުހައްމަދު އަލީ "ސަން" އަށް ވިދާޅުވީ އެ ރިސޯޓުގެ ލޯންޗަކުން، 18 ބިދޭސީއަކު ފޮށިތަންމައްޗާއެކު އެ ރަށަށް ބާލާފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ.

އެހާއިރުން ފެށިގެން އެމީހުން އަދިވެސް ތިބީ ދާނެތަނެއް ނެތި، އެރަށު ކައުންސިލް އިދާރާގެ ފެންޑާގައެވެ.

"އަޅުގަނޑު ގޮސް އެމީހުންނާ ސުވާލުކުރީމަ ބުނީ ދާނެ ތަނެއް ނޭނގެ އޭ، މާލެ ދާނެ ގޮތެއް ނެތޭ ކިހިނެތްހޭ ހަދަންވީ،" މުހައްމަދު އަލީ ވިދާޅުވިއެވެ.

މުހައްމަދު އަލީ ވިދާޅުވީ އެމީހުންނަކީ ވޮޑަމުލާގައި މަސައްކަތް ކުރަމުންދިޔަ ބައެއްކަން އެނގުމުން، އެތަނުގެ އިސް މީހަކަށް ގުޅާފައި ވާނެ ކަމަށެވެ.

ނަމަވެސް ސައިފް ނަމަކަށް ކިޔާ އެމީހާގެ ވާހަކަތައް ހުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް މުހައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑު ބުނިން މިއީ މި ރަށު ކައުންސިލާ އަސްލު ގުޅުމެއް އޮތް ކަމެއް ވެސް ނޫނޭ. ދެން އޭނާ ބުނީ އެމީހުންނަށް މުސާރަ ދީފައޭ ހުންނާނީ އެމީހުން އަމިއްލަ ކަމެކޭ ދާނެތަނެއް ހޯދުމަކީ،" މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އެމީހުން އެރަށަށް ގެނެސް "އުކާލީ" ހަ މަސް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެމީހުން އިހުތިޖާޖު ކުރުމުން ކަމަށް ބިދޭސީން ބުނެފައިވާ ކަމަށެވެ.

ވޮޑަމުލާއިން ދާންދޫއަށް ދޫކޮށްލި ބިދޭސީން --

އެމީހުންގެ ވޯކް ޕާމިޓްތައް ހުރިތޯ ބެލި އިރު، ވޯކް ޕާމިޓް އޮތީ އެންމެ މީހެއްގެ އަތުގައި ކަމަށް މުހައްމަދު ވިދާޅުވިއެވެ.

"ސައިފް ބުނީ ވޯކް ޕާމިޓް އާއެއްޗެހި އާކުރަން އުޅެނިކޮށޭ އެމީހުން ހަމަނުޖެހުން ހިންގީ،" މުހައްމަދު ވިދާޅުވިއެވެ.

އިއްޔެ ރޭ ހަތެއް ޖެހިފަހުން އެމީހުންނަށް ކާއެއްޗެއް ދީފައި ނުވާކަމަށް ބިދޭސީން ބުނި ކަމަށް މުހައްމަދު ވިދާޅުވިއެވެ. ނަމަވެސް ދާންދޫގައި ތިއްބާ އެރަށުގައި ދިރިއުޅޭ ބިދޭސީއަކު އެމީހުންނަށް ކައްކާފައި ކާއެއްޗެހި ގެނެސްދިން ކަމަށް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މުހައްމަދު ވިދާޅުވީ މިއަދު ހެނދުނު ފުލުހުންނަށާއި، ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި އެޗްއާރްސީއެމް އަށް ވެސް މައްސަލަ ހުށަހަޅާފައި ވާނެ ކަމަށެވެ.

"މިއީ ވަރަށް ނޭއްގާނީ، އިންސާނިއްޔަތާ ހިލާފު ރަހުމު ކުޑަ އަމަލެއް،" މުހައްމަދު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވޮޑަމުލާ ގައި މަސައްކަތް ކުރަމުން ދިޔަ 18 ބިދޭސީން ދާންދޫއަށް ހެނދުނު ގެންގޮސް ބޭލިގޮތަށް އެމީހުން އަދިވެސް އެރަށުގައި ތިބިކަމަށް ބުނެ، ރިޕޯޓެއް ލިބިފައިވާ ކަމަށާއި އަދި އެރަށު ކައުންސިލުން ވެސް އެކަމާ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ދާންދޫ ކައުންސިލާއި، ފުލުހުން ވޮޑަމުލާ ތަރައްގީކުރާ ފަރާތާ ވާހަކަ ދައްކައިގެން އެމީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ 18 ބިދޭސީން ދާންދޫއަށް ގެންގޮސްފައި ވަނީ ވޮޑަމުލާއިން ދާން ބޭނުންވެގެން، އެމީހުންނަށް ތިން މަހުގެ މުސާރަ ދިނުމަށްފަހު މިއަދު ދާންދޫ އިން މާލެ ފުރާ ބޯޓަކުން މާލެ ފޮނުވާލުމަށް ކަމަށެވެ.

ނަމަވެސް އެމީހުންނާ ހަވާލުވާނެ މީހަކު ނެތް ކަމަށާއި އެމީހުން ދޫކޮށްލާފައި ދިޔަކަމަށް ބިދޭސީން ބުނަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މި މައްސަލައާ ގުޅިގެން ވޮޑަމުލާގެ ބަހެއް ހޯދަން "ސަން" އިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

comment ކޮމެންޓް