އިންޑިއާއިން ރާއްޖެއަށް 30،000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމިބިހި (މީސަލްސް) އިން ދިފާއުވުމަށް ބޭނުންވާ އެމްއެމްއާރް ވެކްސިންގެ 30،000 ޑޯޒް އިންޑިއާ އިން ރާއްޖެ ގެނެސް، ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ދިވެހި ސަރުކާރުގެ އެދުމަކަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިން ވެކްސިން ކަމަށެވެ. އަދި ވެކްސިން ގެނެސްފައި ވަނީ ރާއްޖެއިން ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދުނުތާ 72 ގަޑިއިރު ތެރޭގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިން ކޮންސައިންމަންޓާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ދިވެހި ސަރުކާރުން، އެމްއެމްއާރް ވެކްސިން ހޯދުމަށް އެދި އިންޑިއާ ސަރުކާރުގައި ދަންނަވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ރާއްޖެ ގެނައި ވެކްސިން އަކީ އިންޑިއާގެ ޕޫނޭގައި ހުންނަ ސީރަމް އިންސްޓްޓިއުޓް އިން ފޯރުކޮށްދިން ވެކްސިން ކަމަށެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ޔުނިސެފް އަށް ވެސް ވެކްސިން ފޯރުކޮށްދޭ އިންސްޓިޓިއުޓް އެކެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 30،000 ވެކްސިން ޑޯޒް ރާއްޖެ ގެނެސްފައިވާއިރު، ހެލްތު މިނިސްޓްރީން މިހާރު ދަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯއާ ގުޅިގެން 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެން ފަށާފައިވާއިރު، މިހާތަނަށް ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ.

އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 79 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް