ޖިންސީ ފުރައްސާރައަށް ހިތްވަރުދޭ ކެންޑިޑޭޓުން އެމްޑީޕީ ޕްރައިމަރީން ބާކީކުރަނީ

އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވުން: ޖިންސީ ފުރައްސާރަ ކުރާ ކެންޑިޑޭޓުން ބާކީ ކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި --- ފޮޓޯ/ އެމްޑިޕީ

ޖިންސީ ފުރައްސާރަ ކުރާ ކެންޑިޑޭޓުންނާއި އަދި ޖިންސީ ފުރައްސާރައަށް ހިތްވަރުދޭ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

މި މަސައްކަތް މި ފެށީ ގއ. ކަނޑުހުޅުދޫ ކައުންސިލް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ މަދީހާ އަބްދުﷲ، އެ ރަށުގައި މިފަހުން ހިނގި ކުޑަކުއްޖާކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރު ކުރި ތިން ބަފައިގެން ދިފާއުގައި ވާހަކަ ދައްކާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އެމްޑީޕީ މެމްބަރުން ވަނީ އެފަދަ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުމަށް ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން މިއަދު އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއްވަނީ ބާއްވާފައެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ޕާޓީގެ ނައިބު ރައީސް އަދި ފިޔަވަޅު އަޅާ ކޮމިޓީގެ މެމްބަރު މުހައްމަދު ޝިފާޒު މިއަދު "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އެ ކަންކަމަށް ހިތްވަރުދޭ މީހުން ތިބިތޯ ބެލުމާއި އަދި ތިބިނަމަ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ވާނީ އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނެއް ނޫން. އެމްޑީޕީން ހިތްވަރުދޭ ކަމެއް ނޫން އެއީ. ރަށްރަށުގެ ކައުންސިލުތަކަށް އަންނަ މީހުންނަކީ އެކަހަލަ ކަންކަމުގައި ތާށިވެފައި ތިބި ބަޔަކަށް ނުވާނެ ގޮތައް ކަންކަން ކުރެވޭތޯ މިބަލަނީ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް ހިތްވަރު ދިނުމަކީ އެމްޑީޕީން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އަދި އެމްޑީޕީން އެފަދަ ކެންޑިޑޭޓަކަށްވެސް ފުރުސަތު ނުދޭނެ ކަމަށެވެ.

"އެއް ކެންޑިޑޭޓެއް ޝަކުވާ ވަރަށް ބޮޑަށް އެބަ އާދޭ. އެފަދަ ކަމެއް އޮތިއްޔާ އަޅުގަނޑުމެންގެ ޕާޓީން އެފަދަ ފުރުސަތެއް ނުދޭނަން [ޕްރައިމަރީގައި ވާދަކުރުމަށް]،" ޖިންސީ ފުރައްސާރައަށް ހިތްވަރުދޭ ކެންޑިޑޭޓެއްގެ ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައިވޭތޯ ސުވާލު ކުރުމުން ޝިފާޒް ވިދާޅުވިއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި އެ ރަށުން ހައްޔަރުކުރި ތިން މީހުންނާ އާއިލީ ގުޅުން އޮންނަ، އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު "ސަން"އާ ވާހަކަދައްކަމުން ވަނީ އޭނާގެ އާއިލާގެ މެމްބަރުން ވަރަށް ބޮޑަށް ދިފާއުކޮށްފައެވެ.

އަދި އެ މީހުންނަށް ކުރާ ތުހުމަތުތައް ފެތުރީ "ބޮޑު ރޭވުމެއްގެ ދަށުން" ކުޑަކުއްޖާގެ މަންމަ ފަރާތު އާއިލާއިން ކަމަށާއި އެ މައްސަލަ ހޫނުކުރީ އާއިލާއާއި މީޑިއާއިން ކަމަށް އޭނާ ބުންޏެވެ. އަދި އެ މައުލޫމާތު ފެތުރި މީހުންނަށް ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭކަމަށް އޭނާ ބުންޏެވެ.

https://sun.mv/130478

ޖިންސީ ފުރައްސާރަ ކުރާ ކެންޑިޑޭޓުންނާއި އަދި ޖިންސީ ފުރައްސާެރައަށް ހިތްވަރުދޭ ކެންޑިޑޭޓުންނަށް އެމްޑީޕީ ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އެ ޕާޓީން ފެށިއިރު، ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް