ރައީސްގެ އެމެރިކާ ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ހަރަދުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް ސޯލިހުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ އެކު އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17އިން 30 އަށެވެ.

އެ ދަތުރަށް ސަރުކާރުން ބޮޑު ހަރަދެއް ކުރި ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. އެކަމާ ގުޅިގެން އެ ދަތުރުގެ ތަފާސްހިސާބުތައް ހޯދަން މީގެ ކުރިން "ސަން"އިން ގުޅުމުން އެކަމާ ގުޅޭ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު މި ފަހުން ވަނީ އެ ދަތުރުގެ ތަފްސީލު ހޯދަން އާ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ގާތުގައި ރަސްމީކޮށް އެދިފަ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ ދަތުރުގެ ތަފާސްހިސާބުތައް އެ ފަރާތާ ހިއްސާކޮށްފަ އެވެ. އެ ތަފާސްހިސާބުތައް މިހާރު ވަނީ އާންމުވެފަ އެވެ.

ދަތުރުގެ ހަރަދުތައް:

  • ޓިކެޓު: 2.06 މިލިއަން ރުފިޔާ
  • ހުންނެވުމާއި ފަރިއްކޮޅުގެ ހަރަދު: 1.8 މިލިއަން ރުފިޔާ
  • އެކްސެސް ބެގޭޖް: 6168 ރުފިޔާ
  • ޕޮކެޓް މަނީ: 141،595 ރުފިޔާ
  • އިންސިޑެންޓަލް: 98،652 ރުފިޔާ
  • ސްކޫލު ދަރިވަރަކު ވިސާ ހޯދުމަށް ލަންކާއަށް ކުރި ދަތުރުގެ ހަރަދު: 12،492 ރުފިޔާ

ރައީސްއާ އެކު ސަރުކާރުގެ ގިނަ އަދަދެއްގެ ބޭފުޅުން އެމެރިކާއަށް ވަޑައިގެންނެވި ކަމަށް ބުނެ މީގެ ކުރިން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ ދަތުރުފުގައި ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސްގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހާއި ސެކްރެޓަރީ އާމިނަތު ޝައުނާ ހިމެނެ އެވެ.

ރައީސް ސޯލިހު އދ.ގައި ކުރެއްވި ތަގުރީރަކީ ރާއްޖޭގެ ރައީސަކު އދ.ގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުން ކުރެއްވި ތަގުރީރެކެވެ. އެމަނިކުފާނުގެ ކުރިން އދ.ގައި ތަގުރީރު ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

comment ކޮމެންޓް