ގައިދީންނަށް އަނިޔާކުރުމަށް އޮންނާނީ ޒީރޯ ޓޮލަރެންސް: ޖަލު ކޮމިޝަނަރު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު -- ފޮޓޯ/ ހޯމް މިނިސްޓްރީ

ޖަލު އޮފިސަރުން ގައިދީންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސް ކަމަށް އާ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒު ވަކިކުރައްވައި، އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަހުމަދު އައްޔަންކުރައްވައިފައެވެ.

މިއަދު "ސަން"އާ ވާހަކަދައްކަވަމުން ކޮމިޝަނަރު އަހުމަދު ވިދާޅުވީ، އޭނާ ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތް ފަށާނީ ގައިދީންނާއި ބަންދު މީހުންގެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުން ކަމަށެވެ.

"އަޅުގަނޑުގެ ފުރަތަމަ ޕްރައޯރިޓީއަކީ ގައިދީންނާއި ބަންދު މީހުންގެ އަސާސީ ހައްގުތައް އަޅުގަނޑުމެންގެ މި ކަންކަން ހުރި ގޮތުން ރަނގަޅުކުރަން ހުރި ކަންކަން އެންމެ އަވަހަށް ރަނގަޅުކުރުން. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ކަންކަމާއި، ޖާގައިގެ ދަތިކަމުން ނުކުންނަމުންދާ ބައެއް ކަހަލަ މައްސަލަތައް. މިހާރުވެސް އެބަ ހުރި ބައެއް ފަރާތްތަކަށް އަންނައުނު ނުލިބުމާއި، ހިނގައި ކަސްރަތުކުރުމާއި މިކަހަލަ ކަންކަން. ގާނޫނުގައި އެބަ ބުނޭ ހިނގައި ކަސްރަތުކުރަން ވަކި މުއްދަތަކަށް ނެރެދޭން ޖެހޭނެ ކަމަށް،" އަހުމަދު ވިދާޅުވިއެވެ.

ޖަލުގައި މިހާރު ހުރި މައްސަލަތަކުގެ ތެރެއިން އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ޖަލުގައި މުވައްޒަފުން މަދުވުމާއި، އެކަށީގެން ނުވާވަރަށް މީހުން ބަންދުކޮށްފައި ތިބުމެވެ. އެކަމަކު ގާނޫނު އޮތް ގޮތުން މީހުން ބަންދުކޮށްފައި ބައިތިއްބަން މަޖުބޫރުވާކަންވެސް އޭނާ ފާހަަގަކުރެއްވިއެވެ.

"މައްސަލަ އެންމެ ބޮޑަށް ނުކުތުމުގެ އެއް އަސާސަކީ، މުއައްސަސާއަށް ކެރިކުޅަދާނަވެގެންވާ ވަރަކަށް ނޫން މީހުން ބަންދުކޮށްގެން މި ގެންގުޅެން ޖެހެނީ،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، މުއައްސަސާ އިތުރަށް ހަރުދަނާ ކުރެއްވުމަށް ސްޓްރެޓަޖިކް އެކްޝަން ޕެލޭނެއް ހެދުމުގެ މަސައްކަތްވެސް ފަށައިފައިވާ ކަމަށެވެ. އެ ޕްލޭނުގައި ހިމެނޭނީ މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލަތަކާއިި، މެދު ރާސްތާއެއްގައި ހައްލުކުރަން ބޭނުންވާ ކަންކަމާއި، ދިގު ރާސްތާގެ ތަސައްވަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ މައްސަލަތަކުގައި ގެންގުޅުއްވާނެ ސިޔާސަތާ ބޭހޭގޮތުން ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ، އެކަމުގައި ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.

"ޖަލުގެ އަނިޔާގެ މައްސަލަތަކުގައި އޯވަރޯލް އަޅުގަނޑުގެ ސްޓޭންޑަކީ އަޅުގަނޑުމެން ޒީރޯ ޓަލަރެންސް އިނގޭތޯ ޖަލުގައި އެއްވެސް އަނިޔާއެއް ކުރާ ކަމަށް ވަންޏާ،" އަހުމަދު ވިދާޅުވިއެވެ. "އަޅުގަނޑުމެން އެއްވެސް ވަރަކަށް ބަލައިގަންނަ ކަމެއްނޫން ޖަލެއްގައި އެއްވެސް މީހަކަށް އަނިޔާވެރި ލާއިންސާނީ އަމަލެއް ހިންގުމަކީ،"

އަނިޔާކުރުމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް ތަހުގީގުކުރާނެ ޑިސިޕްލިނަރީ ބޯޑެއް ކޮމިޝަނުގައި އޮންނަކަމަށް އަހުމަދު ވިދާޅުވިއެވެ. އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެނަމަ އެ ބޯޑުން އެ މައްސަލަައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ކުށްވެރިވާ މީހަކަށް ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތައް ބަލަން އޮންނަ ނިޒާމު އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޖަލުތައް ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން އަޅުގަނޑުމެންނަށް މޮނިޓާ ކުރެވޭނެ ނިޒާމުތައް އެސްޓެބްލިޝް ކުރެވޭނެ. އޭގެ ތެރޭގައި ސީސީޓީވީ ފޫޓޭޖު ބެލޭނެ ގޮތާއި މިކަންކަން އަޅުގަނޑުމެން މިކަންކަން ހަރުދަނާ ކުރާނަން،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު މަގާމަށް އައްޔަނުކުރުމުން އޭނާގެ ތަޖުރިބާއާ މެދު ސުވާލު އުފައްދައި ބައެއް މީހުން ވަނީ ރައީސްގެ ނިންމެވުމަށް ފާޑުކިޔައިފައެވެ. އެކަމާ ބެހޭގޮތުން، އަހުމަދު ވިދާޅުވީ، ރައީސް އޭނާ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެމަނިކުފާނު ބައްލަވަން ޖެހޭ ނިޒާމަކުން ކަންކަން ބެއްލެވުމަށް ފަހު އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އަހުމަދު ވިދާޅުވީ، އޭނާ އަކީ ތަޖުރިބާ ނެތް މީހެކޭ ބުނުން ރަނގަޅެއް ނުވާނެ ކަމަށެވެ. ޖަލު ޔުނިފޯމުގައި މަސައްކަތް ނުކުރެއްވި ނަމަވެސް، އޭނާއަށް މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނުގައި ޖަލުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް ކުރެއްވުމާއި، މި ސަރުކާރުގެ ޖަލު އޮޑިޓުި ރިޕޯޓު އެކުލަވާލުމާއި، އިންސްޕެކްޓާ އޮފް ކަރެކްޝަންސްގެ މަގާމު އަދާކުރެއްވުން ފަދަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އަޅުގަނޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ގާބިލުކަން ތަންދިން އެންމެ ފުރިހަމަ މިނެއްގައި މި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،" އަހުމަދު ވިދާޅުވިއެވެ.

comment ކޮމެންޓް