ޕައިތަން ޕްރޮގްރާމިންގް ދަސްކޮށްދޭ ކޯހެއް އެމްއެމްއޭއިން ފަށައިފި

އެމްއެމްއޭއިން ޕައިތަން ޕްރޮގްރާމިން ލޭންގުއޭޖް ދަސްކޮށްދޭން ކުރިއަށްގެންދާ ކޯހުގެ ތެރެއިން-- ފޮޓޯ/އެމްއެމްއޭ

ވެބްސައިޓް އަދި އެޕްލިކޭޝަން ފަރުމާކުރުމުގައި ބޭނުންކުރާ ޕައިތަން ޕްރޮގްރާމިން ލޭންގުއޭޖް ދަސްކޮށްދޭ ކުރު ކޯހެއް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ފަށައިފި އެވެ.

އެމްއެމްއޭ އިން ބުނީ 20 ކުދިންނާ އެކު 'އިންޓްރަޑަކްޝަން ޓު ކޮމްޕިއުޓަރު ސައިންސް އެންޑް ޕްރޮގްރާމިން ޔޫސިން ޕައިތަން'ގެ ނަމުގައި ފެށި އެ ކޯސް އަމާޒުކޮށްފައި ވަނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް ކަމަށެވެ.

ކޯހުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މާލީ ނިޒާމުގެ ކުރިއެރުމާއި ޓެކްނޮލަޖީ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް ގައުމީ ޕޭމެންޓް ނިޒާމެއް ގާއިމުކުރެވުމުން ޕްރޮގްރާމާސް އަށް އޮންނަ ޑިމާންޑް މިހާރަށް ވުރެ އިތުރުވާނެ ކަން ފާހަގަކުރެއްވި އެވެ.

"ތިޔަ ޒުވާނުންނަކީ މިގައުމުގެ އާ ޖީލު. ޒުވާނުންގެ ވިސްނުން ބައްޓަންކުރަން ވާނީ އާ އަމާޒަކަށް." ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މި ކޯހުން ލިބޭ މައުލޫމާތުގެ އަލީގައި ކޯހުގެ ބައިވެރިންގެ 'ޕްރޮބްލެމް ސޯލްވިން ސްކިލް' ކުރިއަރައި، ކަންކަމާ މެދު ވިސްނާ ގޮތް ބަދަލުވާނެ ކަމަށެވެ.

އެމްއެމްއޭގެ ފަންނީ ބޭފުޅުން ކިޔަވައިދޭ އެ ކޯސް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ނުވަ ހަފްތާގެ މުއްދަތަކަށެވެ.

comment ކޮމެންޓް