ޓީވީ ތަރި ޝިވާންގީ މި ފަހަރު ކާންސްއަށް

ޝިވާންގީ ޖޯޝީ---

ސްޓާ ޕްލަސްއިން މިހާރު ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގައި ނައިރާގެ ރޯލު ކުޅޭ ޝިވާންގީ ޖޯޝީ 21، އަށް ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެއެވެ.

މެއި މަހުގެ 12 އިން 23 އަށް ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލަށް ޝިވާންގީ ދާނީ އޭނާ ކުޅުނު ކުރު ފިލްމު "އަވާ އޯން ސްކައި" އާ އެކީގަ އެވެ.

މި އަހަރު ބާއްވާ 73 ވަނަ ކާންސް ފިލްމު ފެސްޓިވަލާ ގުޅޭ ގޮތުން ޝިވާންގީ ބުނީ އެ ފެސްޓިވަލުގައި ބައިވެރިވާން ލިބުމަކީ ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ. އެ ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި އަދި ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިދިޔަ އަހަރު ފިލްމު "ލައިންސް" އާއެކު ޓީވީ ބަތަލާ ހީނާ ޚާން ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވެފައިވެއެވެ. އޭނާވެސް ވަނީ ޔޭ ރިޝްތާ ކިޔާ ކެހެލޭ ތާ ހޭ އިން ފެނިގެން ގޮއްސައެވެ.

ޝިވާންގީ އަކީ މިހާރު އެންމެ ކާމިޔާބު ޓީވީ އެކްޓްރަސްތަކުގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ޔޭ ރިޝްތާ ކިޔާ ކެހެލޭ ތާ ހޭގައި މަސައްކަތްކުރާތާ މިހާރު ތިން އަހަރުވީއެވެ. އެ ޑްރާމާގެ 3،000 އެޕިސޯޑު ވަނީ ދައްކާފައެވެ.

ޑްރާމާއަށް އަންނަ މަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެންނަން ވަނީ ނިންމައިފައެވެ. އެ ބަދަލަކީ ކަރްތިކްއާއި ނައިރާ ބޮޑު އެކްސިޑެންޓެއްވުންކަމަށް ހަބަރުތައް ބުނެއެވެ. އެއާއެކު މިދެތަރިން މި ޑްރާމާއިން ނުފެންނާނެއެވެ.

comment ކޮމެންޓް