ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ހަ ދަރަޖަ ސޮއްސާލައިފި

ކޮރަޕްޝަނާ ދެކޮޅަށް މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނު ޕޮއިންޓުގެ އަދަދު ދަށްވެ، ހަ ދަރަޖަ ފަހަތަށް ޖެހިލައިފި އެވެ.

ދުނިޔޭގެ 180 ގައުމުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ދެނެގަތުމަށްޓަކައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ދިރާސާތަކެއް ހެދުމަށްފަހު އަހަރަކު އެއްފަހަރު އާންމުކުރާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"ގައި ރާއްޖެއަށް 2019 ވަނަ އަހަރު ލިބުނީ 29 ޕޮއިންޓެވެ.

މިދިޔަ އަހަރާ އަޅަބަލާއިރު ދެ ޕޮއިންޓް މަދުން ލިބުމާއެކު ރާއްޖެ ވަނީ މިދިޔަ އަހަރަށް ވުރެ ހަ ދަރަޖަ ދަށަށް، 130 ވަނަ މަގާމަށް ވެއްޓިފަ އެވެ. މިދިޔަ 2018 ވަނަ އަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 124 ވަނައިގަ އެވެ.

މި ލިސްޓުގައި ރާއްޖެ ހިމެނޭ ސާކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ވުރެ ދަށް މަގާމެއް ލިބިފައިވަނީ އަފްގާނިސްތާނާއި ބަންގްލަދޭޝްއަށެވެ. އަދި ލިސްޓުގެ 25 ވަނަ ދަރަޖައިގައި އޮތް ބޫޓާންއަކީ މި ލިސްޓުގައި ހިމެނޭ ސާކް ގައުމުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދި ގައުމެވެ.

މިއަހަރު ރާއްޖެއަށް އެއްވަރަކަށް ޕޮއިންޓް ލިބުނު ގައުމުތަކުގެ ތެރޭގައި މެކްސިކޯ، މާލީ، މިޔަންމާ އަދި ޓޯގޯ ހިމެނެ އެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނުގައި ބުނީ ސިޔާސީ ހަރަކާތްތަކާ ފައިސާއާއި ކޮރަޕްޝަނާ ގުޅުން ހުރި ކަން މިއަހަރުގެ ސީޕީއައިގެ ތަފްސީލަށް ބަލާލުމުން އެނގޭ ކަމަށެވެ.

"ސިޔާސީ ކެމްޕޭނުތަކުގައި ފައިސާ ހަރަދު ކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގާނޫނުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި ސިޔާސީ ބާރާއި އިންތިހާބުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ފޯރަމުންދާ މިންވަރު ވެސް މި ދިރާސާގެ ހޯދުންތަކުން ހާމަވޭ." ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެ އެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ވޯޓުގަތުމުގެ އަމަލުތައް ގިނަ، ކެމްޕޭން ފައިސާ ހަރަދު ކުރުމުގެ ހަރުދަނާ އުސޫލުތައް އެކަށައެޅިފައި ނުވާ ގައުމުތައް ސީޕީއައިގައި ދަށްކޮށް ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް