ކަނޑުތައް ގަދަވެ ރަށްރަށަށް އުދަ އެރުން އެކަށީގެންވޭ: މެޓް އޮފީސް

ކިނޮޅޮހަށް މިއަދު އުދަ އަރާފައި----

ރާއްޖޭގެ ބައެއް ހިސާބުތަކުގެ ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިދުވަސްވަރަކީ އިރުވައި މޫސުމުގެ ހަޅައަށް ވެފައި ކުރިއަށް އޮތް 24 ގަޑިއިރު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށެވެ.

"ހާއްސަކޮށް ރާއްޖޭގެ މެދުތެރޭ އަދި އުތުރުގެ އަތޮޅުގެ ރަށްތަކަށް ކަނޑު ގަދަވާނެ. ދެން ދެކުނުގެ އަތޯޅުތަކަށްވެސް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން ޖެހޭ" އޮފިޝަލް ވިދާޅުވިއެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ރޭ ނ. އަތޮޅުގައި ހިންގާ ނޮކު މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުންޖަހާލައި އެ ލޯންޗުގައި ދަތުރު ކުރި ދިވެއްސަކު ވަނީ މަރުވެފައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މިދުވަސްވަރު ކަނޑުގެ ބާނިތައްވެސް ވަރަށް ބޮޑުވާނެ ކަަމަށާއި އަދި 24 ގަޑިއިރު ތެރޭ ބައެއް ރަށްރަށަށް އުދައަރުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

މިއަދު ރ. ކިނޮޅޮހާއި އިނގުރައިދޫއަށް އުދައަރައި ބަނދަރުގެ ބައެއް ނެރު ބައްތި ފަދަ ތަކެއްޗަށް ވަނީ ގެއްލުންވެފައެވެ.

comment ކޮމެންޓް