އަންހެންކުދިން ހިތާނުކުރަން ހިތްވަރުދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ: ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ މަޖިލިސް

އަންހެން ކުދީން ހިތާނުކުރުމޭ ކިޔައިގެން އެ ކުރަނީ ޖިންސީ އަނިޔާ ކަމަށާއި އެކަމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިސްލާމްދީނުގައި އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދާދި ފަހުން އެދިފަ އެވެ. އިސްލާމިކް މިނިސްޓްރީން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި އެދިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދުމުންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެންކުދީން ހިތާނުކުރުމާ ގުޅޭ ގޮތުން، ފަތުވާއެއް ބޭނުމެއް ނުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކޮށްފައި ކަމަށެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ.

ނަޝީދު ވިދާޅުވީ އެއީ ޖިންސީ އަނިޔާއެއް ކަމަށެވެ.

comment ކޮމެންޓް