ކުޑަކުދިންނާ މެދު އިހުމާލުވާ ދައުލަތުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ރައީސް

ކ. ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ކުޑަކުދިން ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ދައުލަތުގެ އެއްވެސް މުވައްޒަފަކު އިހުމާލުވެއްޖެ ނަމަ އެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އެހާ ބޮޑުވެފައި ވަނީ އެ މައްސަލައާ މެދު ޒަމާނުއްސުރެ އަޅާ ނުލައި އޮތުމުން ކަމަށެވެ.

"މިއީ ޒާމުނެއްސުރެ އެކަމާ މެދުގައި އަޅާނުލެވި އޮތުމުން ވެފައި އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންގެ ކަންތައްތަކާ ބެހޭ ދައުލަތުގެ އެއްވެސް މުވައްޒަފަކު އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ޒިންމާދާރުވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް މިރޭވެސް މި ޔަގީންކަން އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށްޓަކައި ހަވާލުވެ ތިބޭ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެ ނަމަ، އެކަމާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑު އެ މުވައްޒަފަކާ ދޭތެރޭ އަޅާނަން. އަދި ޒިންމާދާރު ކުރުމަށްޓަކައިވެސް ކުރަން ޖެހޭ ހުރިހާ ކަމެއް ފަސްނުޖެހި އަޅުގަނޑުމެން ކުރާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ އިތުރުން، ހަރުކަށި ފިކުރުގެ މައްސަލަތަކާއި، ކޮރަޕްޝަަނާއި، މަސްތުވާތަކެތީގެ މައްސަލަތައް ރައީސް ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަތައް ހައްލު ކުރެވޭނީ ޒިންމާދާރުކަމާ އެކު މަސައްކަތް ކުރެވޭނެ ބަޔަކު ހޯދިގެން ކަމަށެވެ.

"އަނެއްކާވެސް ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި މި ކަންތައްތަކަށް އިރާދަކުރެއްވިއްޔާ ހައްލު ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ކުޑަކުދިން ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ދައުލަތުގެ އެއްވެސް މުވައްޒަފަކު އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، ދާދި ފަހުން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ވަނީ ވަރަށް ބޮޑަށް ފާާޑުކިޔުން އަމާޒުވެފައެވެ. އެ ހާދިސާގައި މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަށް ތުހުމަތުކޮށް ބައެއް އާންމުން ވަނީ ޝިދާތާ އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. އޭގެ އިތުރުން، މީގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލުމުންނާއި އެ ކުއްޖާގެ ޒާތީ މައުލޫމާތު ޖެންޑާ މިނިސްޓްރީއިން އާންމު ކުރުމުންވެސް ޝިދާތާއަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

comment ކޮމެންޓް