އަންހެން ކުދިން ހިތާނުކުރުމާ ބެހޭ ފަތުވާ އަކަށް އެދުނީ މިނިސްޓްރީގެ ބޭނުމަކަށް ނޫން: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެން ކުދިން ހިތާނުކުރުމާ ބެހޭ ގޮތުން އޮތް ރައުޔު ބަޔާންކޮށް ފަތުވާއެއް ނެރެދޭން އިސްލާމިކް މިނިސްޓްރީއިން ފަތުވާ މަޖިލީހުގައި އެދުނީ އެ މިނިސްޓްރީގެ ބޭނުމަކަށް ނޫން ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ.

އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ ރައުޔު ބަޔާންކޮށްދެއްވައި ވީ އެންމެ އަވަހަކަށް މިނިސްޓްރީއަށް އެންގުމަށް އެދި މި މަހުގެ ފަސްވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ފަތުވާ މަޖިލީހަށް ސިޓީ ފޮނުވައިފައެވެ. ފަތުވާ މަޖިލީހުގެ ރައުޔަކަށް އިސްލާމިކް މިނިސްޓަރު އެދިވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދުމުންނެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުގެ ގާނޫނީ ޒިންމާ އޮންނަ ފަރާތަކީ އެޗްޕީއޭ ކަމަށްވާއިރު، އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ދީނުގައި އޮންނަ ގޮތް އޮޅުންފިލުވައިދެއްވުމަށް އެ އެޖެންސީއިން ފަތުވާއަކަށް އެދިފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓަރު އެކަމުގައި ފަތުވާއަކަށް އެދިވަޑައިގަތީ، ފަތުވާއަކަށް އެދެވޭނީ ހަމައެކަނި އިސްލާމިކް މިނިސްޓަރަށް ކަމަށްވާތީ ކަމަށް އެ ބަޔާނުގައިވެއެވެ.

"އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ފަތުވާއަކަށް އެދިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާތީ މިކަމަކީ އެއްވެސް ހާލެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭނުމަކަށް އެދިފައިވާ ފަތުވާއެއް ނޫންކަމުގައި ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހެލްތު މިނިސްޓަރު އަބްދޫﷲ އަމީން މިއަދު އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރަށް ފޮނުވި މެމޯއަކުން ވަނީ އެޗްޕީއޭއިން އެކަން ސާފުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލުކުރުމަށް އަންގަވައިފައެވެ. މިނިސްޓަރު އަމީން އެ މެމޯގައި ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރުވެސް ނުދޭ ކަމަށެވެ.

އަންހެން ކުދިން ހިތާނުކުރުމަަށް ދީނީ ގޮތުން އެއްވެސް އަސާސެއް ނެތް ކަމަށް މިއަދު ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް