ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަވަސްކުރަން އިސްމެޖިސްޓްރޭޓުންނާ މަޝްވަރާކޮށްފި

ޖޭއެސްސީއިން ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަވަސްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިސް މެޖިސްޓްރޭޓުންނާ މަޝްވަރާކޮށްފި އެވެ.

މި މަހުގެ 19 ވަނަ ދުވަހު ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތައް ކޯޓުތަކުން ވީ އެންމެ އަވަހަކަށް ބެލޭނެ ނިޒާމެއް ގާއިމު ކުރަން އެ ކޮމިޝަނުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ އެއްގޮތަށް މިއަދު އެ ކޮމިޝަނުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ބެހޭގޮތުން 20 ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުންްނާ އެކު ބައްދަލުކޮށް، އެމައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުންތަކުގައި ޖޭއެސްސީގެ ބައެއް މެމްބަރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންވެސް ބައިވެރިވެވަޑައިގެންނެވިި އެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ވީޑިއޯ ކޯލު މެދުވެރިކޮށެށެވެ.

ޖޭއެސްސީއިން ބުނީ، އެ ބައްދަލުވުމުގައި މައްސަލަތައް ލަސްވާ ސަބަބުތައް އިސް މެޖިސްޓްރޭޓުން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ސަބަބުތަކުގެ ތެރޭގައި ކޯޓުތަކުގައި ޖާގައާއި މުވައްޒަފުންގެ ދަތިކަން ހުރުމާއި، ގާއިމްވެ ތިބޭ މެޖިސްޓްރޭޓުން ނެތުމާއި، ދިފާއީ ވަކީލުންނަށް ކޯޓަށް ހާޒިރުވާން ދަތިވުމާއި، ތުހުމަތު ކުރެވޭ ފަރާތާއި ހެކިން ކޯޓަށް ހާޒިރު ކުރަން ދަތިވުން ހިމެނޭ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

"ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން މައްސަލަތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް މައްސަލަ މެނޭޖުކޮށް، މައްސަލަތައް އަވަސް ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އަވަސްކަމާ އެކު ހުކުމް ކުރެވޭނެ ގޮތަށް ކޯޓުތަކުން އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވުމުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއިން ވަނީ، ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލަ ހައްލު ކުރަން ޖުޑިޝަރީގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، މައްސަލަތައް އަވަސް ކުރަން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ޖުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ނިންމަން ކޯޓުތަކަށް ވަކި މުހުލަތެއް ދޭނެ ގޮތެއް ހޯދައި، އެކަން ކުރަން ޖެހެނީ ގާނޫނަކުން ނަމަ އެ ގާނޫނަކަށް އިސްލާހު ގެންނަން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ނިންމައިފައެވެ.

ޖެންޑާ ކޮމިޓީއިން އެ ނިންމުން ނިންމި ދުވަހު އިސް ފަނޑިޔާރުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ޖޭއެސްސީއިން ނިންމި އެވެ. ޖޭއެސްސީއިން އެ ދުވަހު ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭމައްސަލަތައް "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމު ކުރުމަށާއި އެ ފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑީޖޭއޭއަށް އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް