ޕީއައިއެލްސީގެ ހިލޭ ގާނޫނީ އެހީދޭ މޯބައިލް ކްލިނިކު މިފަހަރު ކުޅުދުއްފުއްޓަށް!

ޕީއައިއެލްސީއިން މީގެ ކުރިން ބޭއްވި މޯބައިލް ލީގަލް އެއިޑް ކްލިނިކެއްގެ ތެރެއިން -- ފޮޓޯ/ ޕީއައިއެލްސީ

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ)އިން ހިންގާ ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ފަސްވަނަ ޕްރޮގްރާމް ހދ. އަތޮޅު ކުޅުދުއްފުށީގައި ހިންގަން ނިންމައިފި އެވެ.

އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި މުޖްތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އާންމު ރައްޔިތުން ގާނޫނީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ޕީއައިއެލްސީއިން މޯބައިލް ލީގަލް ކްލިނިކް ޕްރޮގްރާމު ހިންގަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.

ޕީއައިއެލްސީއިން ބުނީ އެ މޯބައިލް ކްލިނިކުގެ ހިދުމަތް ކުޅުދުއްފުށީގައި ދޭނީ މި މަހުގެ 24 އިން 25 އަށެވެ. އެ މޯބައިލް ކްލިނިކުގައި 12 ވަކީލުން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޕްރޮގްރާމްގައި ހިމެނޭނީ ކަނޑައެޅޭ ދާއިރާތަކަކުން އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕީއައިއެލްސީ ގާނޫނީ ވަކީލުން ސެޝަންތައް ހިންގުމާއި އާންމު ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް ޕީއައިއެލްސީގެ ގާނޫނީ ވަކީލުން ގާނޫނީ ލަފާ ދިނުމުގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި ޕަބްލިކް އެ ޖަމިއްޔާގެ ގާނޫނީ ވަކީލުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކުޅުދުއްފުށި ސިޓީ: އެ ސިޓީގައި ޕީއައިއެލްސީގެ މޯބައިލް ލީގަލް އެއިޑް ކްލިނިކު ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ/ ޕީއެސްއެމް

އޭގެ ތެރެއިން އާންމު ރައްޔިތުންނަށް ގާނޫނީ ލަފާ ދޭ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00އިން މެންދުރު 2:00އަށް ކުޅުދުއްފުށި ހޮނިހިރު ބާޒާރު ސަރަހައްދު ގައެވެ. އެ ހަރަކާތުގައި ގާނޫނީ ލަދާ ދޭނީ ހަމައެކަނި މަދަނީ މައްސަލަތާ ގުޅޭ ގޮތުންނެވެ. އެގޮތުން ކޮންޓްރެކްޓާ ގުޅޭ މައްސަލަތަކާއި، ބިމާއި މުދަލާއި ގުޅޭ މައްސަލަތަކާއި، ވަޒީފާގެ މައްސަލަތަކާއި، ބެންކް ލޯނާ ގުޅޭ މައްސަލަތަކާއި، އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާ ގުޅޭ މައްސަލަތައް އަދި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ ގޮތުން އެ ހަރަކާތުގައި ލަދާ ދޭނެ އެވެ.

ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކަކީ ކޮބައިކަމާއި ރައްކާތެރި މާހައުލެއް ޤާއިމްކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގޭ ހަރަކާތެއްވެސް އެ މޯބައިލް ކްލިނިކުގެ ތެރެއިން ހިންގަން ހަމަޖެހިފައިވެއެވެ. އެ ހަރަކާތް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 8:00 އިން 10:00 އަށް ކުޅުދުއްފުށި އަފީފުއްދީން ސުކޫލު ހޯލުގަ އެވެ.

އެ ދުވަހުގެ ހަވީރު 4:00 އިން 6:00އަށް ހަމަ އެތަނުގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަން ވެފައިވާ ގޮތްތަކާއި ކޯޓުތަކަށް މައްސަލަ ހުށަހަޅެމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ދައުވާ ފޯމު ފުރާނެ ގޮތްތަކާއި ގާނޫނު ފަހުމުވުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާއި އާންމުންނަށް މުހިންމު އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއްވެސް ބާއްވަން ހަމަޖެހިފައިވެއެވެ.

ޕީއައިއެލްސީއިން މީގެ ކުރިން މޯބައިލް ލީގަލް އެއިޑް ކްލިނިކުގެ ހިދުމަތް ދީފައި ވަނީ އައްޑޫ ސިޓީ، ބ. އޭދަފުށި، ގދ. ތިނަދޫ އަދި ހއ. ހޯރަފުށީގައެވެ.

comment ކޮމެންޓް