ދީބާޖާ މައްސަލައިގައި ސިވިލް ކޯޓުން މިނިސްޓަރުގެ ބަހެއް ހޯދަން ނިންމައިފި

ސިވިލް ކޯޓު: ދީބާޖާ މައްސަލައިގައި އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ އެ ކަމާއި ގުޅޭ މިނިސްޓަރު ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން ނުދާތީ އެކަމާ ގުޅުން ހުރި މިނިސްޓަރުގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ދީބާޖާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުގެ ފަރާތުން ބަދަލު ދިނުމުގެ ކަންކަން ގޮސްފައި އޮތް ހިސާބެއް ސާފު ކޮށްދިނުމަށް އެދިފަ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް އަހްމަދު ނަޝާތު ވިދާޅުވީ، ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި އެ މައްސަލަ ރިވިއުކޮށްދިނުމަށް އޭޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން ސިވިލް ކޯޓުގައި ދީބާޖާގެ މައްސަލަ މަޑު ޖައްސާލުމަށް ދައުލަތުގެ ފަރާތުން އެދުނެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ރިވިއު ކުރުމުގެ މައްސަލަ ހުށަހެޅުމަށް ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލަ މަޑުޖައްސާ ނުލެވޭނެ ކަމަށެވެ. ނަމަވެސް ދައުލަތައް އެ މައްސަލަ ރިވިއު ކުރުމަށް ފުރުސަތު އޮތް ކަން ގާޒީ ވަނީ ފާހަގަކުރައްވާފަ އެވެ.

އެކަމާއި ގުޅޭ ގޮތުން ދީބާޖާއިން ދެކޭ ގޮތެއް ހާމަ ކުރުމަށް ވެސް ގާޒީ ފުރުސަތު ދެއްވި އެވެ. އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދީބާޖާގެ އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ދައުލަތަށް އެކަށީގެންވާ ފުރުސަތު ދެވިއްޖެ ކަމަށާއި ނަމަވެސް ދެން އެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށެވެ. އަދި ބަދަލު ނުދެވިގެން އުޅޭ ސަބަބު ސާފު ނުވާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް ދައުލަތުގައި އެބަހުރި ކަން އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވި އެވެ.

ބަދަލު ދިނުމުގެ ކަންކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް ކަމާއި ގުޅޭ މިނިސްޓަރު ސިވިލް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މިނިސްޓަރެއް ކަމެއް ގާޒީ ވިދާޅެއް ނުވެއެވެ.

ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ މީގެ ތިން މަސް ކުރިން ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ އެންގެވުމަކަށް އަނެއްކާ ވެސް އެ މައްސަލަ ރިވިއުއަށް ހުށަހަޅުއްވާނެ ކަން މިއަދު ވަނީ އޭޖީ އިއުލާނު ކުރައްވާފަ އެވެ.

ސިވިލް ކޯޓުން އެންމެ ފުރަތަމަ ދިބާޖާއާ އެއްކޮޅަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި އެވެ. ނަމަވެސް ހައިކޯޓުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ފަހުން ވަނީ ހައިކޯޓްގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ. ސުޕްރީމް ކޯޓުން ނިންމީ، ހައިކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ ހައިކޯޓްގެ އިޖުރާއަތްތައް ނުބައިވުމުން އެ ހުކުމް ބާތިލް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ އެވެ.

އެކަން އެގޮތަށް އޮއްވައި ދައުލަތާއި ދީބާޖާއާ އެކު ސެޓަލްމަންޓަކާ މެދު މަޝްވަރާ ކުރެވި އެއްބަސްވެވުނީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. ސެޓަލްމެންޓް ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމަވައިފަ އެވެ.

comment ކޮމެންޓް