ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން އިތުރު ކެމެރާތައް ބަހައްޓަނީ

ވޫހާން ވައިރަހާ ގުޅޭގޮތުން ހެލްތުމިނިސްޓްރީއިން މިޑިޔާތަކަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެ އެތެރެވާ މީހުން ނޮވެލް ކޮރޯނާވައިރަސް (ޗައިނާ ވައިރަސް)އަށްކޮ ސްކްރީން ކުރަން ރާއްޖޭގެ އެއާޕޯޓްތަކުގައި އިތުރު ތާމަލް ކެމެރާތައް ބަހައްޓަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާރު އެއާޕޯޓްގައި ކޮރޯނާ ވައިރަސްއަށް ސްކްރީންކުރަން އެއް ކެމެރާ ބަހައްޓަފައިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހަ ކެެމެރާ އެއީ އަޅުގަނޑުމެންނަށް ގިނަވެގެން އަޅުގަނޑުމެންނަސް ބޭނުންވާނެ ވަރު. ހަ ކެމެރާއިން މޮނިޓާކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެއާޕޯޓުން ހަމައެއާއެކީގައި އައްޑޫގައި އަދި ރާއްޖޭގެ އެންޓްރީ ހުރިހާ ޕޮއިންޓްއެއްގައި މޮނިޓާކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް އަޅުގަނޑުމެން ހަމަޖައްސަނީ" އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު ތައްޔާރުވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

"މިއާއެކީ ދެން އިތުރަށް ހޯދަން ޖެހޭ ވަސީލަތްތަކާއި ދެން މީގެ އިތުރު ހަރުފަތްތަކަށް ދާވަރަށް ކުރަން ޖެހޭ މަސައްކަތްތަކަށް ތައްޔާރުވެފަ މިއޮތީ. އޭގެ ތެރޭގައި މައުލޫމާތާއި ޓެސްޓްކުރުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާއި މިކަންކަމަށް އަޅުގަނޑުމެން ރަނގަޅަށް ތާއްޔާރުވެފައި މިތިބީ." އަމީން ވިދާޅުވިއެވެ.

ޗައިނާގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެންނަން ފެށި މި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މި ވައިރަސް ޖެހިފައިވާ 440 އަށް ވުރެ ގިނަ މީހުން ޗައިނާއާއި އެހެނިހެން ގައުމުތަކުން ފެނިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

އޭގެ ތެރޭގައި ޗައިނާގައި ބައްޔަށް ފަރުވާކުރުމުގެ މަސައްކަތްކުރި ހެލްތު ވޯކަރުންވެސް ހިމެނޭ ކަމަށާއި، މިއީ ގައިން ގަޔަށް އަރާ ވައިރަހެއްކަން މިކަމުން ހާމަވެފައިވާކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް