ކުޑަކުދިން ހިމާޔަތްކުރުމުގައި ފަރުދީ ޒިންމާ ބޮޑު: އެމްޑީއޭ

ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ގައުމުގެ ފަރުދުންގެ ޒިިންމާ ކުޑަ ނޫން ކަމަށާއި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލާޔަންސް (އެމްޑީއޭ) އިން ގޮވާލައިފި އެވެ.

އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް އާއިލާގެ ފަރާތުން ޖިންސީ ގޯނާ ކުރަމުންދިޔަ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުއްޖަކަށް އާއިލާގެ ފަރާތުން ޖިންސީ އަނިޔާތަކެއް ކޮށްފައިވާ ހަބަރު އަހާފައިވަނީ ނުހަނު ހިތާމަޔާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ.

އަދި އެކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ މައްސަލަ، އެމްޑީއޭއިން ވަނީ ހަރުކަށީ އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެމްޑީއޭ އިން ބުނެފައިވަނީ ކުޑަކުދިންނާ މެދު ބޭއިހްތިރާމްކޮށް ހިތާ ކޮންމެ އަމަލަކީ އިންސާނީ ކަރާމާތާ ހިލާފު ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އެންމެ އަވަހަށް އެޅުމަށް އެމްޑީއޭން އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގައުމެއްގެ ހަޔާތުގެ މައުނަވީ ދިރުން އޭގެ އެންމެ ހެޔޮ ގޮތުގައި ދިރި ދެމި އޮންނާނީ ގައުމެއްގެ ތުއްތު ކުދިންނަށް އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ އަސާސެއްގެ މައްޗަށް ބިނާވެގެން ކަމަށެވެ.

ކަނޑުހުޅުދޫއިން ދެ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނި ކާފައަށް ކުރެ އެވެ. އަދި އެ ތިން މީހުންވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

comment ކޮމެންޓް