ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑެރޭޝަނުގައި ރައީސް މަހްލޫފްއާ ބައްދަލު ކުރައްވައިފި

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ދުނިޔޭގެ ޓީޓީ ފެޑެރޭޝަނުގެ ރައީސްއާ ބައްދަކު ކުރައްވަނީ --- ފޮޓޯ: ޔޫތް މިނިސްޓްރީ

ދުނިޔޭގެ ޓޭބަލް ޓެނިހާ ބެހޭ އިދާރާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ރައީސް ތޯމަސް ވެއިކާޓް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފްއާ ބައްދަލު ކުރައްވައިފި އެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވެއިކާޓްއާ އެކު މަހްލޫފްގެ އިތުރުން ގައުމީ ޓީޓީ ކޯޗު އިބްރާޙިމް ޝިއުރީ ވެސް ބައިވެރިވަޑައިގަތެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ޓީޓީ އޮތް ހާލަތާއި އެ ކުޅިވަރު ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޔޫތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ޓީޓީއަކީ ފަހުގެ ތާރީހުގައި ރާއްޖެއިން ބައިނަލް އަގުވާމީ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާތައް ނެރި އެންމެ ބާރު ސްޕީޑުގައި ރާއްޖޭގައި ކުރިއަރަމުން އަންނަ އެއް ކުޅިވަރެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އުފެދިފައިވާ މި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ވެސް ކޮންމެ އެސޯސިއޭޝަނަކަށް ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ އިރު ކުޅިވަރުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަކީ ވެސް ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެއީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނާއި ބައިނަލް އަގުވާމީ އެހެނިހެން މުބާރާތްތައް ވެސް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ބޮޑު ވައުދެއް ކަމަށްވާތީ އެވެ.

ރާއްޖެއިން މިދިޔަ އަހަރު ތެރޭ ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސައުތު އޭޝިއަން ގޭމްސްގައި ވެސް ޓީޓީން ރަނގަޅު ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އެގޮތުން އައިއޯއައިޖީގައި ތިން ރަން މެޑައްޔާއި ދެ ރިހި މެޑަލް ހޯދި އިރު ސައުތު އޭޝިއަން ގޭމްސްގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ވާދަކޮށް ލޯ މެޑަލް ހޯދި އެވެ.

comment ކޮމެންޓް