އިންޖަރީ އަށްފަހު ޝާހިދު "ޖާޒީ"ގެ ޝޫޓިންއަށް ނުކުމެއްޖެ

ޝާހިދު ކަޕޫރު---

ކަބީރު ސިންހްގެ ކާމިޔާބަށް ފަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ ޝޫޓިން ފަށައި ކުރިއަށް ދަނިކޮށް އޭނާ އަށް މި މަހުގެ ކުރީކޮޅު ވަނީ އަނިޔާވެފައެވެ.

ޝާހިދަށް އަނިޔާވީ ފިލްމުގެ މަންޒަރެއް ޝޫޓްކުރުމުގެ ކުރިން ޖެއްސި ފައިނަލް ޕްރެކްޓިސެއްގައި ކަމަށެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމުގައި ކްރިކެޓް ކުޅެން ފަރިތަކުރަމުން ދަނިކޮށް ބެޓުން ޖެހި ބޯޅަ ވަނީ ޝާހިދުގެ އަނގަމަތީގައި ޖެހި ފަޅައިގެން ގޮއްސަ އެވެ. ޗަންދީގަރުގައި އެ ފިލްމު ޝޫޓިން ކުރިއަށްދަނިކޮށް އަނިޔާވުމާއެކު އޭނާގެ އަންހެނުން މީރާ ރާޖުޕުތް ވެސް ވަނީ ޗަންދީގަރަށް ގޮއްސައެވެ. އަދި އޭނާ އެނބުރި މުމްބާއީ އަށް އައީ ޝާހިދު ގޮވައިގެންނެވެ.

އިންޖަރީ އަށް ފަހު އަނެއްކާވެސް ޝާހިދު މިވަނީ ފިލްމުގެ ޝޫޓިން އަށް ޗަންދީގަރަށް ފުރާފައެވެ. އޭނާ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއެއްގައި ބުނީ އޭނާގެ އަނގަމަތި އަދިވެސް މުޅިން ރަނގަޅުނުވާ ކަމަށާއި ނަމަވެސް އެހާބޮޑަކަށް ލަކުނު ނުފެންނަ ކަމަށެވެ. އެ ފޮޓޯގައި އޭނާގެ އަނގަމަތި ރީތިކޮށް ފެނުނުއިރު މާ ބޮޑަށް އަނިޔާވެފައި ހުރި ތަނެއް ފާހަގަކުރާކަށް ނޭނގެއެވެ.

ފައިނަލް ޕްރެކްޓިސް ކުރަމުން ދަނިކޮށް ބޯޅަ ޖެހުމާ އެކު ޝާހިދުގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭ އަންނަ ފެށިއެވެ. އަދި 13 ފަހަރު އެތަން ފަހަން ޖެހުނު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރް އެވެ. ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް އެވެ.

ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް