ސިޓީ މޮޅުވި އިރު އާސެނަލާއި ޗެލްސީގެ ކުރިމަތިލުން އެއްވަަރު

ރޭގެ މެޗުގައި ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު އަގުއޭރޯ އުފާފާޅު ކުރަނީ --- ފޮޓޯ// ރުސެލް ގްރީވްސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ދެވަނައިގައި ފަރަގު ބޮޑު ކުރި އިރު އާސެނަލާއި ޗެލްސީގެ ވާދަވެރި ކުރިމަތިލުން އެއްވަރުވެއްޖެ އެވެ.

ރަށުން ބޭރުގައި ސިޓީއިން ރޭ ތާވަލުގެ ހަތްވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލި ކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެ ޓީމުން ވަނީ ކުޅުނު 24 މެޗުން 51 ޕޮއިންޓް ހޯދައި، ތިންވަނައިގައި 45 ޕޮއިންޓާއެކު އޮތް ލެސްޓާއާއި ދެމެދު ހަ ޕޮއިންޓަށް ފަރަގު ބޮޑު ކޮށްފައެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 22 މެޗު ކުޅެ 64 ޕޮއިންޓް ހޯދައިގެންނެވެ.

ވާދަވެރި ކުޅުމަކާއެކު ގިނަ ފައުލުތަކެއްކޮށް ހަތް ރީނދޫ ކާޑެއްވެސް ފެނިގެން ދިޔަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ފިޒިކަލް ގޭމެކެވެ. މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެމުން ދިޔައީ ސިޓީންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް ރަހީމް ސްޓާލިންގް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއެއް ޝެފީލްޑް ޔުނައިޓެޑުގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ސިޓީގެ ޑިފެންޑަރު ނިކޮލެސް އޮޓަމެންޑީ ގޯލު ކުރިމަތިން ޖެހި ބައިސިކަލް ކިކެއް ވެސް ހެންޑަސަން ދިފާއުކުރި އެވެ.

ސިޓީއަށް ފުރަތަމަ ހާފުގައި ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޝެފީލްޑްގެ ޑިފެންޑަރު ކްރިސް ބަޝަމް، މަހްރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއިންނެވެ. އެކަމަކު ގެބްރިއަލް ޖީސުސް ފޮނުވާލި ޕެނަލްޓީވެސް ހެންޑަސަން ވަނީ ދިފާއުކޮށްފަ އެވެ.

ސިޓީން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 73 ވަނަ މިނަޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ސާޖިއޯ އަގުއޭރޯއެވެ. އެ ގޯލު ޖަހަން އަގުއޭރޯއަށް އެސިސްޓްކޮށްދިން ޑިބްރޭނާ ވަނީ މި ސީޒަނުގައި ވެސް މިހާތަނަށް 15 އެސިސްޓް ހަމަކޮށްފައެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވި މެޗަކީ ޒަމާނުއްސުރެން ވާދަވެރިކަން ބޮޑު ޗެލްސީއާއި އާސެނަލުގެ މެޗެވެ. ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ކުޅުނު އެ މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވި އިރު ޗެލްސީ އޮތީ 24 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ. އާސެނަލް އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 30 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ އޮއިވަރު ބަދަލުވީ 26 ވަނަ މިނަޓުގައި އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ދެއްކި ރަތް ކާޑާއެކުއެވެ. އެ ރަތް ކާޑަކީ، އާސެނަލުގެ ދެވަނަ ޑިފެންޑަރު ޒާޑޮން މުސްތަފީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމް ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް އޭރިއާ ތެރެއިން ޑޭވިޑް ލުއިޒް ކުރި ފައުލާއެކު ދެއްކި ރަތް ކާޑެކެވެ. އެ ފައުލުން ލިބުނު ޕެނަލްޓީގައި ގޯލު ޖަހައި ޗެލްސީއަށް ލީޑު ނަގައިދިނީ ޖޯޖީނިއޯއެވެ.

އެއަށްފަހުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އާސެނަލުން ހިތްވަރު އެލުވާ ނުލައި ކުޅެމުން ދިޔަ އިރު ދެވަނަ ހާފުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގެބްރިއަލް މާޓެނެލީ އެވެ. އެކަމަކު 84 ވަނަ މިނަޓުގައި ޗެލްސީގެ ކެޕްޓަން ސީޒާ އަޒްޕްލިކުއެޓާ ވަނީ އަލުން ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ. އާސެނަލަށް މެޗު ނިމެންދަނިކޮށް އެއްވަރުކޮށްދިނީ ހެކްޓާ ބެލެރިންއެވެ.

comment ކޮމެންޓް