ކޮރޯނާ ވައިރަސް އެމެރިކާއިންވެސް ފެނިއްޖެ!

ވޫހާންގެ ހޮސްޕިޓަލެއްގެ މުވައްޒަފުންތަކެއް -- ފޮޓޯ/ ރޮއިޓާސް

ޗައިނާގައި މިހާރު ހަލުވި ކަމާ އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ބަލި ޖެހިފައިވާ މީހަކު އެމެރިކާއިން ފެނިއްޖެއެވެ.

އެކަން ޔަގީންކޮށްދެމުން އެމެރިކާގެ ސެންޓާ ފޯ ޑިޒީސް އެންޑް ކޮންޓްރޯލް (ސީޑީސީ)އިން ބުނީ ބަލި ފެނިފައިވަނީ ޗައިނާއިން ވޮޝިންޓަންގެ ސިއެޓަލްއަށް އައި 30 އަހަރުގެ މީހެއްގެ ފަރާތުން ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު ޗައިނާގެ ވޫހާންއިން އެމެރިކާއަށް އައި މީހާ މިހާރު ދަނީ ވޮޝިންޓަން ސްޓޭޓުގެ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ސީޑީސީއިން ބުނީ އެ މީހާ ދަތުރުކުރި ތަންތަނާއި އޭނާގެ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ ސަބަބުން ނޮވެލް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވުނު ކަމަށާއި، ލެބް ޓެސްޓުތަކުން އެކަން ޔަގީންކޮށްދިނީ ޖެނުއަރީ 20 ވަނަ ދުވަހު ކަމަށެވެ.

ގާތްގަނޑަކަށް 11 މިލިއަންގެ އާބާދީއެއް އޮންނަ ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު މި ވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ހޯމަ ދުވަހު ހާމަކުރިއެވެ. އަދި ނިއުމޯނިއާގެ އަލާމާތްތައް ހުންނަ މި ބަލީގެ ސަބަބުން ހަ މީހަކު މިހާތަނަށް މަރުވެފައިވާކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިންވެސް ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާގެ ބެއިޖިންގްއާއި ޝަންގްހާއީ ފަދަ ސިޓީތައްވެސް ހިމެނޭގޮތަށް މިހާތަނަށް މި ބަލީގެ 291 ކޭސްއެއް މިހާތަނަށް ފެނިފައިވެއެވެ.

މި ބަލި އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މި ބަލި ފެތުރުން ގުޅެނީ ވޫހާންގައި ސީފުޑް ވިއްކާ ބާޒާރަކާއެވެ.

އެމެރިކާގެ އިތުރުން ތައިލެންޑް، ޖަޕާން، ދެކުނު ކޮރެއާ އަދި ޓައިވާނުންވެސް ވަނީ މި ބަލީގެ ކޭސްތައް ފެނިފައެވެ. ބަލި ޖެހިފައިވާކަމަށް ފާހަގަކުރެވުނު އެންމެންނަކީވެސް ވޫހާންއަށް ދާދި ފަހުން ގޮސް އުޅުނު މީހުންކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް