ރާއްޖޭގެ އެއާޕޯޓްތަކުގައި ކޮރޯނާއަށް ސްކުރީން ކުރުން ވަރުގަދަ ކުރަން ޖެހޭ: ޑރ. ނިޔާފް

ޑރ. ނިޔާފް -- ސަން ފައިލް ފޮޓޯ

ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައި ވާތީ، ރާއްޖެއަށް ބަލި އެތެރެވުމުގެ ފުރުސަތު އޮތުމުން، އެއާޕޯޓުތަކުގައި ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަ ކުރަން ޖެހިފައިވާކަމަށް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

ނޭވާލާ ނިޒާމަށް އަސަރު ކުރުވާ، ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ މި ބަލި ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.

މިހާތަނަށް އެ ބަލި ޖެހިފައިވާ 440 މީހުން ފެނިފައިވާއިރު، ނުވަ މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ޗައިނާގެ އިތުރުން ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފަ އެވެ.

ހަބަރުތައް ބުނާގޮތުން، ޗައިނާގެ ވުހާން ސިޓީއިން އެނބުރި އޮސްޓްރޭލިއާއަށް ދިޔަ މީހަކު ވެސް ބައްޔަށް ތުހުމަތު ކުރެވޭތީ މިހާރު އަންނަނީ އެކަހެރިކޮށްގެން ފަރުވާ ދެމުންނެވެ.

އެކި ގައުމުތަކުން މި ބަލި ފެންނަން ފެށުމާއެކު، ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓުތަކުގައި ބައްޔަށް ސްކްރީންކުރުމުގެ ކަންކަން ވަރުގަދަކޮށްފަ އެވެ.

އެކަން ފާހަގަ ކުރައްވައި ޑރ. ނިޔާފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކުން މިހާރު ފިޔަވަޅުތައް ވަރުގަދަކޮށް އެ ފިޔަވަޅުތައް އިއުލާންކޮށްފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅައި އެކަން ރަސްމީކޮށް އިއުލާން ކުރަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި، ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރެވެމުންދާކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

"އެ އިތުބާރު އުފައްދައިދީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ޑރ. ނިޔާފް އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވެސް ހުމަށް ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އެ ސިސްޓަމް ބޭނުން ކުރަމުން އަންނަކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، މި ބަލި ރާއްޖެއަށް ފެތުރިދާނެކަމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފަ އެވެ.

ސީފުޑްއާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކޮށް، އެފަދަ ތަންތަނަށް ދިޔަ ގިނަ މީހުންނަށް މިބަލި ޖެހިފައިވާތީ، މިއީ ސީފުޑް ނުވަތަ ޖަނަވާރުން އަރާ ޖަރާސީމެއްކަމަށް ޗައިނާއިން ލަފާކުރެ އެވެ. އަދި މިއީ ގައިން ގަޔަށް އަރާ ބައްޔެއްކަން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން މި ދުވަސްވަރު ޗައިނާއަށް ދަތުރުކުރާ މީހުން ބައެއް ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ. އެއީ؛

  • ދޫނިސޫފާސޫފި، ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
  • ބަލިމީހުންނާ ކައިރީގައި ނޫޅުން
  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ކެއްސާ ކިނބިހި އަޅާއިރު ޓީޝުއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން

ޗައިނާގެ މި ބަލި ފެތުރޭ ހިސާބަށް ދިއުމަށްފަހު ހުން އައިސް ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށާއި އިތުރު ކަމަކު ބޭރަށް ނުނިކުތުގެ އިތުރުން މާސްކް އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެ އެވެ.

ހަމައެއާއެކު ފަރުވާ ހޯދަންދާއިރު ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ޓްރާންސިޓް ކުރި ގައުމުތަކުގެ މައުލޫމާތު ދިނުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެ އެވެ.

ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުމަށާއި ބޭނުންކުރާ ޓިޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާނުލުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު މޮނީޓަރުކޮށް، ބައްޔާ ބެހޭ އިތުރު މައުލޫމާތު ހޯދާނެ ކަމަށާއި ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިން ބަލިން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް ވެސް އެ އޭޖެންސީން އަޅަމުންގެންދާނެ ކަމަށެވެ.

comment ކޮމެންޓް