އެންމެ ކުޑަ މުސާރައިން އިގްތިސާދަށް އަރާފާނެ ލޮޅުންތަކާ މެދު މަޝްވަރާކޮށްފި

އެންމެ ކުޑަ މުސާރަ ކަނޑައެޅުމާ ގުޅޭ ގޮތުން، ކެބިނެޓް ވޯކިން ސެޝަންގައި މަޝްވަރާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާގުޅޭ އެންމެހާ ވުޒާރަތަކާ އެކު މިއަދު ރައީސް އޮފީހުގައި ފައްޓަވައިފި އެވެ.

ކެބިނެޓް ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ އެކު އެ މަޝްވަރާރައް ރައީސް ބޭއްވެވީ، މިއަދު ހެނދުނު އެމަނިކުފާނުގެ އޮފީހުގައި ބޭއްވެވި ކެބިނެޓް ވޯކިން ސެޝަނެއްގަ އެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ބޭނުމަކީ އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތެއްގައި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަން ޖެހޭ ކަންތައްތައް ދެނެގަތުމެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކަކީ؛

  • އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް.
  • ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކާ މެދު.
  • އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ އާއި، ބޭރު ފައިސާގެ ރިޒާވްއަށް ކޮށްފާނެ އަސަރުތައް.
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިގްތިސާދަށް ކުރާނެ އަސަރުތައް.

މި ބައްދަލުކުރެއްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުންވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ.

މި ޕްރެޒެންޓޭޝަންތަކުގައި ވަނީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރަ އަދި އުޖޫރައާ ގުޅޭގޮތުން ލަފާ އެރުވުމަށް ރައީސް އެކުލަވާލައްވާފައިވާ ބޯޑުން ތައްޔާރު ކޮށްފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތުތަކެވެ.

މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑަކީ، އެކިއެކި ވިޔަފާރި ކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދެއްވުމަށް މެއި، 1، 2019ގައި ރައީސް އެކުލަވާލައްވާފައިވާ ބޯޑެކެވެ.

އެ ބޯޑުން ވަނީ އެންމެ ކުޑަ މުސާރައާ ގުޅޭ ދިރާސާ ރިޕޯޓެއް ތައްޔާރުކޮށް މިމަހުގެ ހަތް ވަނަ ދުވަހު އެ ރިޕޯޓް ރައީސް ސޯލިހުއާ ހިއްސާ ކުރައްވައިފަ އެވެ. އެކަން ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ، އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ މަޝްވަރާތައް ރައީސް އޮފީހުން ހަފްތާއެއްގެ ތެރޭ ފައްޓަވާނެ ކަމަށެވެ.

ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެންމެ ކުޑަ މުސާރަ ކަނޑައެޅުމުން ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އިގްތިސާދަށް އަންނާނެ ކަމަށާއި ނަމަވެސް ރައްޔިތުން މި ސަރުކާރަށް ވޯޓް ދިނީ މިނިމަމް ވޭޖް ގެނައުމަށް ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެކަން ލަސްވަމުން ދާތީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅު ވަނީ، އަންނަ މަހު ފަށާ މަޖިލީހުގެ އާ ދައުރުގެ ތެރޭގައި އެ މަސައްކަތް ނިމި އެކަން ތަންފީޒު ވެގެން އަންނާނެ ކަމަށެވެ.

comment ކޮމެންޓް