ހިމަބިހީގެ އިތުރު ޑޯޒް ދޭނެ ތަންތަނާއި ގަޑިތައް އާންމުކޮށްފި

ހިމަބިހި ---

މިހާރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ތުއްތު ކުދިންނަށް ހިމަބިހި ވެކްސިންގެ އިތުުރު ޑޯޒް ދޭނެ ތަންތަނާއި ގަޑިތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހަ ސަރަހައްދަކުން ހިމަބިހި ކޮންޓްރޯލް ކުރުމަށް ޖަހާ އެމްއާރު ވެކްސިންގެ އިތުރު ޑޯޒް ދޭނެ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ދަމަނަވެށްޓާއި އޭޑީކޭ ހޮސްޕިޓަލު އަދި ހުޅުމާލޭ ހޮސްޕިޓަލުން އެ ވެކްސިން ޖަހައިދޭނެއެވެ. އޭގެއިތުރުން ޓްރީޓޮޕް އާއި ވިލިމާލޭ ހޮސްޕިޓަލުންވެސް އެމްއާރު ވެކްސިންގެ އިތުރު ޑޯޒެއް ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވެކްސިން ޖަހައިދޭނެ ގަޑިތައް ތިރީގައި އެވަނީއެވެ.

  • ސޯޝަލް ސެންޓަރު : 09:00 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ދަމަނަވެށި : 09:00 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • އޭޑީކޭ ހޮސްޕިޓަލް : 10:00 އިން 16:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ހުޅުމާލޭ ހޮސްޕިޓަލް : 08:30 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ޓްރީޓޮޕް ހޮސްޕިޓަލް : 09:00 އިން 17:00 އަށް (ހުކުރު ދުވަސް ފިޔަވާ)
  • ވިލިމާލޭ ހޮސްޕިޓަލް : (އާދިއްތަ އިން ބުރާސްފަތި) 09:00 އިން 13:00 އަށް / (ހޮނިހިރު ދުވަހު) 10:00 އިން 16:00 އަށް

ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ނިންމީ އެ ކުދިންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑުވާތީ ކަމަށެވެ.

ހިމަބިއްސަށް ދޭ އެމްއެމްއާރު ވެކްސިންގެ އިތުރު ޑޯޒް ދޭން ނިންމާފައިވަނީ ހަމަސް ފުރި 18 މަސް ނުފުރޭ ކުދިންނަށެވެ. އިތުރު ޑޯޒެއް ދޭނީ ކުރީގެ ޑޯޒް ދިންތާ ހަތަރު ހަފްތާ ފަހުންނެވެ.

comment ކޮމެންޓް