މާފުށިން ފެންނަނީ ބްރައުން ވިޑޯ، ސަމާލުވާން އަންގައިފި

ކ. މާފުށީ އެކި ސަރަހައްދުތަކުންނާއި ގޯތިގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯ (މުށިބަދިމަކުނު) ކަމަށް ހެލްތު މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ކަށަވަރުކޮށްދީފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.

ރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަކުނުން ސަލާމަތް ވުމަށް ބޭނުންކުރެވޭނެ ކެމިކަލް އަކީ ކޮބައިކަން ބެލުމުގެ މަސައްކަތް ވެކްޓާ ކޮންޓްރޯލް ޔުނިޓުން ކުރަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި މިވަގުތަށް ބްރައުން ވިޑޯ މަކުނު ނުވަތަ މަކުނުގެ ބިސް ފެނިއްޖެނަމަ، އެ އެއްޗެއް ނަގައި ނައްތާލުމަށާއި އެ އެއްޗެއް އަންދާލުން ނޫން ގޮތަކަށް ނައްތާނުލުމަށް މިނިސްޓްރީން އިރުޝާދު ދީފައިވާ ކަމަށެވެ.

އެހެންކަމުން މި ޒާތުގެ މަކުނެއް ނުވަތަ ބިސް ފެނިއްޖެނަމަ، ހަން ހުރަހެއް މެދުވެރިކޮށް ނަގައި އަންދާލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މާފުށީ ކައުންސިލުން ބުނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މުޅި ރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މީހުން ދިރިއުޅޭ ގޯތިގެދޮރާއި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯ ބަލައި އެތަކެތި އެންދުމަށް އިރުޝާދު ދޭ ކަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރު މާލޭގެ ގެއަކުން ވެސް ވަނީ ބްރައުން ވިޑޯ މަކުނުތަކެއް ފެނިފައެވެ. ބްރައުން ވިޑޯއަކީ ކަޅުބަދިމަކުނު ނުވަތަ ބްލެކް ވިޑޯއަށް ވުރެ ނުރައްކާތެރިކަން ކުޑަ މަކުނެކެވެ.

comment ކޮމެންޓް