ކަނޑުހުޅުދޫ މެޖިސްޓްރޭޓް ޖިންސީ ގޯނާކުރި މައްސަލައިގައި 9 މީހެއްގެ ބަޔާން ނަގައިފި

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އެ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ނުވަ މީހެއްގެ ބަޔާން ނަގައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭގޮތުން އެ ކޮމިޝަނަށް މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ ތާރީހުން ފެށިގެން ހަސަންދީދީގެ ތަފާތު ހަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލަތަކަކީ؛

  • މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރާ މައްސަލަ
  • އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ހެކީންގެ ބަޔާން ނެގުމަށް ހުރަސް އަޅާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • މާރާމާރީ ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
  • ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ

އޭގެތެރެއިން މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމަށް ބުނާ މައްސަލަ ޖޭއެސްސީގެ ފަރާތުން މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ހުށަހެޅުމާއެކު މައްސަލަ ކޭސް ކުރެވިގެން މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް، ނުވަ ފަރާތަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގައި ފާހަގަ ކުރެވިފައިވާ އިތުރު ކަންކަމާއި ގުޅިގެން އިތުރު ފަރާތްތަކައި ސުވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަދި ތަހުގީގަށް އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަތަކާ ގުޅިގެން މިދިޔަ ޖުލައި 18 އަދި 23 ވަނަ ދުވަހު ހަސަން ދީދީ ތަހުގީގު ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދާފައިވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ހަމައެއާއެކު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ހަސަން ދީދީ މަސައްކަތަށް ނިކުމެ އުޅުމަކީ އެކޮމިޓީން ކުރަމުންދާ ތަހުގީގަށް ހުރަސްތަކެއް އެޅިދާނެ ފަދަ ކަމެއްގެ ގޮތުގައި ބެލެވި، ތަހުގީގު ފުރިހަމަ ކުރުމަށްފަހު ވަކި ގޮތެއް ކަނޑައަޅަންދެން ހަސަން ދީދީ ވަޒީފާއަށް ނުނިކުމެ މަޑުކުރަން ވެސް އެންގި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި މިހާރު އެ ކޮމިޝަނުން ކުރަމުންދަނީ ތަހުގީގު ރިޕޯޓުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.

comment ކޮމެންޓް