މިދިޔަ އަހަރު އޭޖީ އޮފީހުން 50 މީހަކަށް ވަކީލުން ހަމަޖައްސައިދިން

ޑިސެމްބަރު 15، 2019: ބަންޑާރަނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިދިޔަ އަހަރު އޭޖީ އޮފީހުން 50 މީހަކަށް ގާނޫނީ ވަކީލުން ހަމަޖައްސައިދީފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭޖީ އޮފީހުގެ ޒިންމާއެކެވެ.

އޭޖީ އޮފީހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގާނޫނީ ވަކީލުން ހަމަޖައްސައިދިނުމަށް އެދި އެ އޮފީހަށް މިދިޔަ އަހަރު 105 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 35 ބިދޭސީން ހިމެނެ އެވެ.

އޭގެ ތެރެއިން 50 މީހަކަށް ވަކީލުން ހަމަޖައްސައިދީފައިވާއިރު 39 ފޯމުުގައި ހުންނަން ޖެހޭ މައުލޫމާތު ނެތުމުން ގޮތެއް ނިންމާފައި ނުވެ އެވެ. ވަކީލުން އައްޔަންކޮށްދިނުުމުގައި ބަލާ މިންގަނޑުތަކަށް 13 މީހަކު ނުފެތޭތީ ވަކީލަކު އައްޔަންކޮށް ނުދޭން އޭޖީ އޮފީހުން ނިންމާފައިވެ އެވެ. އަދި ފޯމުލީ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކުން ވަނީ ވަކީލަކު އައްޔަންކޮށްދޭން ބޭނުން ނުވާ ކަމަށް ފަހުން އަންގައިފަ އެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުން ވަކީލުން ހަމަޖައްސައިދިން މިންވަަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 117.39 އިތުރު އަދަދެކެވެ. އޭގެ ކުރިން 2018 ވަނަ އަހަރު އޭޖީ އޮފީހަށް 57 މީހަކު ފޯމުލި އިރު އޭގެ ތެރެއިން ވަކީލުން ހަމަޖައްސައިދިނީ 23 މީހަކަށެވެ.

comment ކޮމެންޓް