ޓާމިނަލުގެ އޮޑިޓްގައިވާ މައުލޫމާތު ޓީއެމްއޭއިން ދޮގުކޮށްފި

ޑިސެމްބަރ 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި ސީޕްލޭންތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހިންގައިގެން ލިބޭނެ ކަމަށް އެ ސީޕްލޭން ޓާމިނަލްގެ އޮޑިޓްގައި ބުނާ އަދަދު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ދޮގުކޮށްފި އެވެ،

އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ދައުލަތަށް ގެއްލުންވާ ގޮތަށް ޓީއެމްއާ ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުންދާ އިރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ވަނީ ބަލައިފަ އެވެ. މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ސީޕްލޭން ޓާމިނަލްގެ އޮޑިޓެއްވެސް ހެދި އެވެ. މިހާރު ލީކްކުކޮށްފައިވާ އެ އޮޑިޓް ރިޕޯޓާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ އެ ޓާމިނަލުން އަހަރެއްގެ މައްޗަށް އެމްއޭސީއެލްއަށް 47.3 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ޓާމިނަލްއާ ގުޅޭ ގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތާކާ ގުޅިގެން ނެރުނު ބަޔާނެއްގައި ޓީއެމްއޭއިން މިއަދު ބުނީ ސީޕްލޭން ޓާމިނަލް މެނޭޖްކޮށްގެން އެމްއޭސީއެލްއަށް އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް ބުނާ ލީކްކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ބުނާ 47.3 މިލިއަން ޑޮލަރު ހަގީގަތުގައި އެ ކުންފުންޏަށް ނުލިބޭނެ ކަމަށެވެ. އޮޑިޓްގައި ލަފާކޮށްފައި ވަނީ ހަގީގަތުގައި ލިބޭނެ އަދަދަށް ވުރެ އަށް ގުނަ ގިނަ އަދަދެއް ކަމަށްވެސް ޓީއެމްއޭއިން ބުންޏެވެ.

"މިއަދަދަކީ އެއްގޮތަކަށްވެސް ސައްހަ އަދަދެއް ނޫނެވެ. މި އަދަދަކީ ޓީއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދަށްވުރެ އަށް ގުނަ އިތުރު އަދަދެކެވެ. އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ހަގީގީ މައުލޫމާތުގެ ބަދަލުގައި ބޭނުންކުރައްވާފައިވާ ލަފާކުރުންތަކަކީ ނުވަތަ 'އެސަމްޕްޝަންސްތަކަކީ' އަސްލު ކަންތައް ހިނގާނެ ގޮތެއްނޫނެވެ." ޓީއެމްއޭގެ ބަޔާނުގައިވެ އެވެ.

އާސީޕްލޭން ޓާމިނަލް ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހުރިހާ ފަރާތްތައްވެސް ބޭނުންކުރާނެ ކަން ފާހަގަކޮށް، ޓީއެމްއޭއިން އެދިފައި ވާނީ އެ ކުންފުނިން މިހާރުވެސް 80 ރިސޯޓަށް ހިދުމަތްދެމުންދާ ސީޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖާގަ ލިބިދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އާ ޓާމިނަލުން 47.3 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުކޮށްފައި ވުމުގެ ސަބަބުން އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު، އާ ޓާމިނަލްއިން ޓީއެމްއޭގެ އޮޕަރޭޝަންއަށް ބޭނުންވާ ޖާގަ އޮޕަރޭޓްކުރުމަށް، ވެވިފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލަމުންދާ ކަމަށް ޓީއެމްއޭއިން ބުންޏެވެ. އެގޮތަށް ވެއްޖެ ނަމަ ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ބުރުއަރާ ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތަށް ނޭދެވޭ އަސަރުކުރު ކުރުން އެކަށީގެންވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"އޮޑިޓް ރިޕޯޓުގައި ބަޔާންނުކުރެވިވާ އަނެއް މުހިއްމު މަޢުލޫމާތަކީ، އާ ޓަރމިނަލްއަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމަށްފަހު މިވަގުތު ޓީއެމްއޭ ބޭނުންކުރާ އިމާރާތްތަކާއި ލައުންޖްތައް ދޫކޮއްލަން މަޖުބޫރުވެފާވާކަމެވެ. މި އިމާރާތްތަކަކީ 18 މިލިއަން އެމެރިކާޑޮލަރުގެ އިންވެސްޓްމަންޓެކެވެ." ޓީއެމްއޭއިން ބުންޏެވެ.

ޓީއެމްއޭ އުފެދުނީއްސުރެ މިއަދާ ހަމައަށް ޔަގީންކޮށްދީފައި ވަނީ އެ ކުންފުންޏަކީ އިތުބާރު ހިފޭ ހިދުމަތެއް ދެމުން އަންނަ ކުންފުންޏެއްކަން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނީގެ ހިދުމަތާ އެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔަކަންވެސް ފާހަގަކުރި އެވެ. އަދި އެ ކުންފުނިން މިހާތަނަށް ދެމުން އައި ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު ވެފައިވާ އެއްބަސްވުން ދެމެހެއްޓުން މުހިންމު ކަމަށް ދެކޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސީޕްލެން ޓާމިނަލް ހިންގުމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު މީގެ ކުރިން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލްއިން ކަމަށެވެ. ނަމަވެސް މިހާރު ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުންދޭ ހިދުމަތްތައް މެދުކެނޑޭނެ ގޮތަކަށް އާ ސީޕްލޭން ޓާމިނަލް އަށް އޮޕަރޭޝަންސް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސީޕްލޭން ޓާމިނަލް އެމްއޭސީއެލްއިން ހިންގިޔަސް، މިހާރު ޓީއެމްއޭއިން ހިދުމަތްދޭން ބޭނުންކުރާ ޓާމިނަލްތައް އެކުންފުނީގެ އަތުން އަތުނުލެވޭނެ ކަމަށާއި، ޓީއެމްއޭއާ އެކު ހަދާފައިވާ އެގްރިމަންޓް ވެސް ހަމަނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް