ކުދިންނަށް ކުރާ އަނިޔާ ރިޕޯޓު ނުކުރަނީ އެކަށީގެންވާ ފިޔަވަޅު ނާޅާތީ!

ޖެނުއަރީ 17، 2020: ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިފައި ހުރި ނަމަވެސް، އެ މައްސަލަތައް ރިޕޯޓު ނުކުރަނީ، ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށް އަނިޔާ ކުރާ މައްސަލަތަކާމެދު މުޖުތަމައު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުންގެ މެދުގައި ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކައިފިއެވެ.

އޮޑިޓް އޮފީހުގެ ދިރާސާގައި 92 މީހަކު ބައިވެރިވި އިރު އޭގެ ތެރެއިން 97 ޕަސެންޓު މީހުން ގަބޫލުކުރާ ގޮތުގައި ކުޑަކުދިންނަށް ކުރާ ގޯނާ އަކީ ރާއްޖޭގައި ކުރިމަތިވަމުން އަންނަ ބޮޑު މައްސަލައެކެވެ. ނަމަވެސް، ތިން ޕަސެންޓު މީހުން އެއީ ރާއްޖޭގައި ކުރިމަތިވަމުން އަންނަ ބޮޑު މައްސަލައެއް ކަމަކަށް ނުދެކެއެވެ.

ސާވޭގައި ބައިވެރިވި 83 ޕަސެންޓު މީހުން ގަބޫލުކުރާ ގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މައްސަލަ ބެލުމާއި ކުދިންނަށް ހިމާޔަތް ދިނުމަށް މުއައްސަސާތަކުން ހަރުދަނާ ގޮތެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.

މީގެ ތެރެއިން 47 ޕަސެންޓު މީހުން އެގޮތަށް ދެކެނީ އަނިޔާ ދިންކަމަށް ބެލެވޭ ފަރާތާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުންނެވެ. އަދި 33 ޕަސެންޓު މީހުން ދެކެނީ މައްސަލަތައް ނުނިމި ދިގުމުއްދަތެއް ހޭދަވަމުންދާތީ އެވެ.

އަދި 13 ޕަސެންޓު މީހުން ދެކެނީ ދެކޭގޮތުގައި މުއައްސަސާތަކުން ސަމަކާރަ (އެފިޝަންޓް) ނުވަނީ ކުޑަކުދިންނަށް ދެކޭގޮތުގައި މުއައްސަސާތަކުން ސަމަކާރަ ނުވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުމާ ގުޅިގެންނެވެ.

ހަތް ޕަސެންޓު މީހުން ދެކޭގޮތުގައި ސިޔާސީގޮތުން މި މައްސަލައާމެދު ބާރުއެޅޭ މިންވަރު ކުޑަވުމާއި މުއައްސަސާތަކުގައި އިންސާނީ އަދި މާލީ ވަސީލަތް މަދުވުމާއި އެކި ފަރާތްތަކުން ބިރު ދެއްކުމާއި ބިރުގަތުމުގެ ސަބަބުންނާއި މުއައްސަސާތަކުން ޒިންމާދާރުނުވުމުގެ ސަބަބުންކަމަށެވެ.

މުއައްސަސާތަކުން ހަރުދަނާ ގޮތެއްގައި މައްސަލަތައް ބަލާކަމަށް ގަބޫލުކުރަނީ 17 ޕަސެންޓު މީހުންނެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 36 މީހުންނަށް ކުޑަކުދިންނަށް އަނިޔާ ލިބިފައިވާ މައްސަލަތައް އެނގިފައިވާއިރު،
އޭގެތެރެއިން 14 މީހުން އެ މައްސަލައާމެދު އަމިއްލައަށް ފިޔަވަޅެއް އަޅާފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެތެރެއިން ހަތަރު މީހުން މައްސަލައާމެދު ފިޔަވަޅެއް އަޅާފައިނުވަނީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަތައް ބެލުމުގައި ހަރުދަނާ ނޫންކަމަށް ދެކޭތީކަމަށް ބަޔާންކޮށްފައިވެއެވެ.

ތިން މީހަކު މައްސަލަ ރިޕޯޓުކޮށްފައި ނުވަނީ އެހެން މީހުންގެ ކަންތައްތަކާއި ބެހެން ބޭނުން ނުވާތީއެވެ. އަދި މައްސަލަ ރިޕޯޓުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީކަމަށް ބުނެ މައްސަލަ ރިޕޯޓުކޮށްފައި ނުވާނެކަމަށް ވެސް ތިން މީހަކު ބުނެފައިވެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުން ބުނެފައިވަނީ ކުޑަކުއްޖަކަށް އަނިޔާ ލިބޭ މައްސަލައެއް އެނގޭނަމަ ކަމާގުޅޭ މުއައްސަސާއަށް އެކަން އަންގާނެކަމަށެވެ. ނަމަވެސް، ދެ ޕަސެންޓު މީހުން އެއްވެސް ފިޔަވަޅެއް ނާޅާނެކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓުކުރުމަށް ގުޅާ ހާއްސަ ނަންބަރަކީ 1412 ކަން ދިރާސާގައި ބައިވެރިވި 50 ޕަސެންޓު މީހުންނަށް އެނގޭ އިރު އަނިޔާ ރިޕޯޓުކުރާ ނަންބަރުގެ ގޮތުގައި ދިރާސާގައި ބައިވެރިވި އަށް ޕަސެންޓު މީހުން ބުނެފައިވަނީ ފުލުހުންގެ ހޮޓްލައިންއެވެ. ނަމަވެސް 42 ޕަސެންޓު މީހުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓުކުރުމަށް ގުޅާނެ ނަމްބަރެއް ނޭނގެއެވެ.

ދިރާސާގައި ބައިވެރިވި ގިނަ މީހުންނަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މައްސަލަ ބެލުމާއި ކުދިންނަށް ހިމާޔަތް ދިނުމުގެ މަސައްކަތުގައި އެންމެ ބޮޑަށް ހިއްސާވާ މުއައްސަސާތައް އެނގެއެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ 85 ޕަސެންޓު މީހުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުމުވުމަށް ކަމާގުޅޭ މުއައްސަސާއަކުން ހިންގާފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ނުވަތަ ބާއްވާފައިވާ މައުލޫމާތު ސެޝަނެއްގައި ބައިވެރިވެފައި ނުވެއެވެ. އޭގެތެރެއިން 69 ޕަސެންޓު މީހުން ޕްރޮގްރާމެއްގައި ބައިވެރިވެފައިނުވަނީ އެފަދަ ޕްރޮގްރާމެއް ބޭއްވިކަން އެނގިފައިނުވުމުން ކަމަށް ބުނެފައިވެއެވެ.

ދިރާސާގައި ބައިވެރިވި 83 ޕަސެންޓު މީހުން ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ މައުލޫމާތު ލިބެނީ މީޑިއާއިން ކަމަށެވެ. އަދި އަށް ޕަސެންޓު މީހުންނަށް ރަޙުމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބޭއިރު ފަސް ޕަސެންޓު މީހުންނަށް މައުލޫމާތު ލިބެނީ މުއައްސަސާތަކުންނެވެ.

comment ކޮމެންޓް